އިސްރާ އާއި މިޢުރާޖުގެ މަތިވެރި ދަތުރުފުޅަކީ އިސްލާމީ ތާރީޚުގައި ހިނގައިދިޔަ އެންމެ ޢިބްރަތްތެރި އެއް ޙާދިސާ ކަމަށާއި، އެއީ ކީރިތި ރަސޫލާ (ޞ) ގެ ކެތްތެރިކަމަށް މާތްﷲ ދެއްވި މަތިވެރި އިނާމެއްކަން މިއަދުގެ ހުކުރު ޚުޠުބާއިން ހަނދާންކޮށްދީފިއެވެ.
އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް" މި މައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅު މާތްﷲ މިންވަރު ކުރެއްވީ ކީރިތި ރަސޫލާ (ޞ) އަށް ވަރަށް ބޮޑެތި ހިތާމަފުޅުތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދަނޑިވަޅެއްގައި ކަމުގައެވެ. "ޢާމުލް ޙުޒްން" ނުވަތަ ހިތާމައިގެ އަހަރުގެ ގޮތުގައި ފާހަގަކުރެވުނު އެ ދުވަސްވަރަކީ، އެކަލޭގެފާނަށް ނަޞްރުދެއްވުމަށް ހުންނެވި ބޮޑުބޭބޭފުޅު އަބޫޠާލިބާއި، ލޯބިވާ އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމުގެ އިތުރުން، ޠާއިފްގެ އަހުލުވެރިންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި ދުވަސްވަރެވެ. ނަމަވެސް ރަސޫލާ (ޞ) ދެއްކެވި ކެތްތެރިކަމާއި މާތްﷲ އަށް ކުރެއްވި ފުރިހަމަ ވަކީލުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲ އެކަލޭގެފާނަށް ތަސައްލީ ދެއްވައި، ހަތް އުޑުގެ މައްޗަށް އުފުއްލަވައި މަތިވެރިކަން ދެއްވިއެވެ.
މި ދަތުރުފުޅުގެ މުހިންމުކަން ފާހަގަކުރައްވައި ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މާތްﷲ އެކަލާނގެ ރަސޫލާ މަސްޖިދުލް ޙަރާމުން މަސްޖިދުލް އަޤްޞާއަށް ގެންދަވައި، އެތަނުން ސިދްރަތުލް މުންތަހާއަށް ގެންދެވި ކަމަށެވެ. އަދި އެތަނުން މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް އެކަލޭގެފާނަށް ދެއްކެވިއެވެ.
**ނަމާދުގެ މަތިވެރިކަން**
މިއަދުގެ ޚުޠުބާގައި ވިދާޅުވި ގޮތުގައި މި ޙާދިސާއިން ލިބިގެންދިޔަ އެންމެ ބޮޑު ހަދިޔާއަކީ ފަސް ނަމާދެވެ. އެހެން ހުރިހާ އަޅުކަމެއް ޖިބްރީލްގެފާނު މެދުވެރިކޮށް ބާވައިލެއްވުނު ނަމަވެސް، ނަމާދު ފަރުޟު ކުރެއްވީ އެއްވެސް މެދުވެރިޔަކާ ނުލައި ސީދާ މާތްﷲ، އެކަލާނގެ ރަސޫލާއާ މުޚާޠަބު ކުރައްވައެވެ. މިއިން ދޭހަވަނީ މުއުމިނާ އާއި މާތްﷲ އާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަމެވެ.
އެހެންކަމުން، މި މަތިވެރި އަޅުކަން އޭގެ ވަގުތުގައި، ޚުޝޫޢަތްތެރިކަމާއެކު އަދާކުރުމަށް ވަނީ ޚުޠުބާގައި ނަސޭހަތްތެރިވެފައެވެ. ކާމިޔާބު ލިބިގެންވާ މީހުންނަކީ ނަމާދުގައި މަޑުމޮޅިވެ ޚުޝޫޢަތްތެރިވާ މީހުންކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން ވަނީ ހާމަކޮށްދީފައެވެ.
މި ޙާދިސާއިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ދަތިތަކާއި މުޞީބާތްތަކުގައި ކެތްތެރިވުމުން މާތްﷲގެ ނަޞްރާއި މަދަދު ލިބިގެންދާނެ ކަމާއި، ނަމާދަކީ މުސްލިމުންގެ މެދުގައި އޮންނަ އެންމެ މުހިންމު ވާޖިބުކަމެވެ.
ކޮމެންޓު ފޮނުވާ