ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމާ ގުޅިގެން، ނިމިދިޔަ އަހަރު މީރާއަށް ބަލައިގަތް ޑޮލަރުގެ އާމްދަނީ 37 އިންސައްތަ އިތުރުވެއްޖެއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ލިބުނު 1.06 ބިލިއަން ޑޮލަރާ އަޅާބަލާއިރު، މިދިޔަ އަހަރު މީރާއަށް ލިބުނު ޑޮލަރުގެ އާމްދަނީ ވަނީ 1.47 ބިލިއަނަށް އަރާފައެވެ.
މި ކުރިއެރުން އައިސްފައިވަނީ ސަރުކާރުން ގެނައި އިސްލާހުތަކުގެ ދަށުން، ގްރީން ޓެކްސް، ޓީޖީއެސްޓީ، ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރުމުންނެވެ. އެގޮތުން ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމުން، އެ ޓެކުހުން ލިބުނު އާމްދަނީ ވަނީ 108 އިންސައްތަ އިތުރުވެ، 146 މިލިއަން ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 123 މިލިއަން ޑޮލަރު އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 124 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކޮށް، ބިދޭސީންގެ އަތުން ނަގާ ޑިޕާޗާ ޓެކްސް ވެސް ބޮޑުކޮށްފައިވަނީ ދައުލަތުގެ ދަރަނި ބޮޑުވެ ޑޮލަރު ބޭނުންވާ މިންވަރު އިތުރުވުމުންނެވެ. ނަމަވެސް، ދައުލަތަށް ވަންނަ ޑޮލަރު އިތުރުވި ކަމުގައި ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ ރެކޯޑު މިންވަރެއް ކަމަށްވާ 20.20 ރުފިޔާގައެވެ.
ކޮމެންޓު ފޮނުވާ