މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް: ލަފާކުރި ވަރަށްވުރެ އިތުރު

މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް: ލަފާކުރި ވަރަށްވުރެ އިތުރު

Author
ޙަސަން މުޙައްމަދު
10 ޖެނުއަރީ 2026 11:37
0

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) މެދުވެރިކޮށް ނިމިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. މީރާއިން މިއަދު އާންމުކޮށްފައިވާ އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ލިބުނު އާމްދަނީއަކީ އެ މުއްދަތުގައި ލިބޭނެކަމަށް ކުރިން އަންދާޒާކުރި އަދަދަށްވުރެ %17.4 އިތުރު އަދަދެކެވެ. އަދި ހަމައެހެންމެ މިއީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު %30.7 ގެ ކުރިއެރުމެކެވެ. މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 157.83 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.

މީރާއިން ހާމަކުރި ގޮތުގައި ލަފާކުރި ވަރަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކާއި ފީތަކުން ލިބުނު އަދަދު އިތުރުވުމުންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް ޓެކުހާއި، ޓޫރިޒަމް ލޭންޑު ރެންޓު އަދި ލޭންޑު އެކިއުޒިޝަން ކޮސްޓާއި ސީއެސްއާރު ފީގެ ގޮތުގައި ލިބުނު އާމްދަނީ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ސުންގަޑި ހަމަވެ ނުދައްކާ ހުރި ބައެއް ޓެކްސްތައް މިދިޔަ މަހުގެ ތެރޭގައި ދައްކާފައިވުމަކީ ވެސް އާމްދަނީ އިތުރުވުމަށް މެދުވެރިވި ސަބަބެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

އާދައިގެ މަތިން މި ފަހަރުވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޑިސެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ %53.2 ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.7 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ ޖުމްލަ އާމްދަނީގެ %16 ނުވަތަ 518 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި 218 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 191 މިލިއަން ރުފިޔާ އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 176 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 159 މިލިއަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ %4.9 ކަމަށް މީރާގެ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.