ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބަޔަކުގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ހުކުރު ދުވަހުގެ ރޭ ފުލުހުން ހާމަކުރި ގޮތުގައި މަންޑޭ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މިއަދު މެންދުރު ދޭއް ޖަހަންވާއިރަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ތައްޔާރުވަމުން ދެ އެވެ. މި އަމުރު ކްރިމިނަލް ކޯޓުން ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ މައްސަލައިގެ އަޑު އެހުމަށް ހާޒިރު ނުވުމުންނެވެ. ގާޒީ އަލީ ނަދީމް ވިދާޅުވީ ޝަރީއަތް އޮންނާނެ ކަން މަންޑޭއަށް އަންގައިފައިވާނެ ކަމަށާއި އެހެންކަމުން ކޯޓަށް ހާޒިރު ނުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުން އަމަލުކުރާނެ ކަމަށެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މަންޑޭގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާ ކޮށްފައިވާއިރު، އޭގެ ތެރޭގައި ޓެކުމުގެ 50 ދައުވާއާއި އޮޅުވާލުމުގެ 50 ދައުވާއާއި އެނގިހުރެ ސައްހަ ނޫން ލިޔުން ދިނުމުގެ ތިން ދައުވާއާއި މަނީ ލޯންޑްރިންގެ އެއް ދައުވާ ހިމެނެ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭއަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ