2020 ވަނަ އަހަރު ދައުލަތުން 27.3 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ތަފާސްހިސާބު ދައްކާގޮތުން، މިދިޔަ އަހަރު ލިބުނު އާމްދަނީއަށްވުރެ 12.8 ބިލިއަން ރުފިޔާ ވަނީ އިތުރަށް ހަރަދުކޮށްފައެވެ.
މިދިޔަ އަހަރުގެ ހިސާބުތަކާ 2019ގެ ތަފާސް ހިސާބު އަޅާކިޔާއިރު މިދިޔަ އަހަރުގެ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 14.5 ބިލިއަން ރުފިޔާއަކީ 2019 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 9.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. 2019 ވަނަ އަހަރު ދައުލަތަށް ވަނީ 24.1 ބިލިއަން ރުފިޔާ ލިބިފައެވެ.
މީގެ އިތުރުން މިދިޔަ އަހަރާއި 2019 ވަނަ އަހަރު ދައުލަތުގެ ހަރަދުތަކަށް މާބޮޑު ބަދަލެއް އައިސްފައި ވާކަން ފާހަގައެއް ނުކުރެވެއެވެ. އެގޮތުން 2019 ވަނަ އަހަރު ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ހުރީ 28.9 ބިލިއަން ރުފިޔާގައެވެ.
ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބުނީ 10.6 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބިފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 853 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާލާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.05 ބިލިއަން ރުފިޔާ، ގުޑްސް އެންޑް ސަރވިސަސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 349 މިލިއަން ރުފިޔާ، އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 279 މިލިއަން ރުފިޔާ މިދިޔަ އަހަރު ވަނީ ލިބިފައެވެ. 2019 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެންމެ ބޮޑަށް ދައްވެފައި ވަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރަށް ވުރެ ބީޕީޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރު މައްޗަށް ޖެހިލާފައެވެ.
ޓެކްސް ނޫން އާމްދަނީއަށް ބަލާލާއިރު، އެކިއެކި ފީއާއި ޗާޖަސްގެ ގޮތުގައި 917 މިލިއަން ރުފިޔާ، ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 753 މިލިއަން ރުފިޔާ، އިންޓްރެސްޓް، ޕްރޮފިޓް އަދި ޑިވިޑެންޑްގެ ގޮތުގައި 700 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ދައުލަތުން މިދިޔަ އަހަރު ކޮށްފައިވާ ހަރަދުގެ ތަފްސީލަށް ބަލާލާއިރު ރިކަރަންޓް ހަރަދުގެ ގޮތުގައި، މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 9.8 ބިލިއަން ރުފިޔާ، ދައުލަތް ހިންގުމުގެ ހަރަދަށް 9.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ކެޕިޓަލް ހަރަދަށް ބަލާލާއިރު، މިދިޔަ އަހަރުވަނީ 8 ބިލިއަން ރުފިޔާ ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން ތަރައްޤީގެ މަސައްކަތްތަކަށް ހަރަދުކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާ އެވެ.
މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔައ އަހަރު ލިބުނު އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބަކީ މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހި، އިޤްތިޞާދަށް ކުރިމަތިވީ ބޮޑު ހީނަރުކަމެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ބަރޯސާވާ ފަތުރުވެރިކަން އެއްކޮށް ހުއްޓާލާފައި 4 ވަރަކަށް މަސް، މިދިޔަ އަހަރު ވަނީ ހޭދަވެފައެވެ.