ހޯރަފުށީގެ ތަރައްގީގެ ބާނީގެ ގޮތުގައި ކުރީގެ ރައީސް ސާލިހަށް އެވޯޑެއް

ހޯރަފުށީގެ ތަރައްގީގެ ބާނީގެ ގޮތުގައި ކުރީގެ ރައީސް ސާލިހަށް އެވޯޑެއް

Author
އަހުމަދު
31 އޮކްޓޯބަރ 2025 10:38
0

ހޯރަފުށީގެ ތަރައްގީއަށް ހިދުމަތް ކޮށްދެއްވި ކަމުގެ އަގުވަޒަންކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ރަށުގެ އެންމެ ޝަރަފުވެރި އެވޯޑު ވަނީ ހަވާލުކޮށްދެއްވައިފައެވެ. "ހޯރަފުށި ދުވަސް" ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ސިރީނަވަރަންނަ އެވޯޑް ރައީސް ސޯލިހަށް އަރުވައިދެއްވައިފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ހޯރަފުށީއަށް މިލިއަން މިލިއަން ރުފިޔާގެ ބިޔަ 16 މަޝްރޫއެއް ފަހިވި ކަން އެ ޖަލްސާގައި ފާހަގަކޮށްފައިވެއެވެ. ކައުންސިލުން ބުނި ގޮތުގައި، އެއް ވެރިކަމެއްގެ ފަސް އަހަރުގައި މިފަދަ ބިޔަ މަޝްރޫއުތައް ފަހިވި ހަމައެކަނި ރަށަކީ ހޯރަފުށީއެވެ. ނުވަ ޖަވާހިރަށް ރަމްޒުކުރާ މި އެވޯޑު ލިބިވަޑައިގަތުމަށްފަހު، ރައީސް ސޯލިހު ވިދާޅުވީ އެ ރަށުގެ ތަރައްގީ ގެނެވުނީ ސަރުކާރުގައި މަސައްކަތްކުރި ގިނަ ބަޔަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. ހާއްސަކޮށް މަޖިލީހުގައި އެ ދާއިރާ ތަމްސީލްކުރި މެމްބަރު އަހުމަދު ސަލީމްގެ ރޯލު ވަނީ ފާހަގަކުރައްވައިފައެވެ.

މި ޖަލްސާގައި 19 ވަނަ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.