ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ. މާދަމާގެ ޖަލްސާގައި މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވަން އެޖެންޑާކޮށްފައިވެ އެވެ.
މެންބަރު ހުށަހެޅުއްވި ގަރާރުގައި ވަނީ ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އާބާދީއާ އަޅާބަލާއިރު ވަރަށް ބޮޑު ކަމަށާއި އެ ބިދޭސީންނަށް ރާއްޖޭގައި ދަރިން ލިބި މުޅި ހަޔާތް ވޭތުކުރާކަން ފާހަގަކުރައްވައިފަ އެވެ. މިވަގުތު އާސަންދައިގެ ހިދުމަތް ލިބެނީ ދިވެހި ރައްޔިތުންނަށް އެކަންޏެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ރައްޔިތެއްކަމުގައި ވާނީ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި އިރު ދިވެހި ރައްޔިތަކަށްވާ ފަރާތްތަކާއި، ދިވެހި ރައްޔިތަކަށް އުފަން ދަރިންނާއި، ގާނޫނުގެ ދަށުން ދިވެހި ރައްޔިތަކަށްވެއްޖެ ބިދޭސީން ކަމަށެވެ.
ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ސިޓިޒެންޝިޕް ގާނޫނަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާތީ، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ރައްޔިތުކަން ހޯދަން ބޭނުންވާ އެތައް ބަޔަކަށް އެ ފުރުސަތު ހޯދިފައި ނުވެ އެވެ. އަދި އެ ބިދޭސީންގެ ތެރޭގައި ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ފަރުވާ ބޭނުންވާ މީހުން ތިބި ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ