އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 2.1 ބިލިއަން ރުފިޔާއަށް ހިންގި މަޝްރޫއުއާ ގުޅިގެން ޗައިނާގެ ޝަންގް ހުވާ ކުންފުންޏާ ދެކޮޅަށް މީރާއިން ދައުވާކުރި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި އެވެ.
މީރާއިން ދައުވާކުރީ އެ މަޝްރޫއުއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ. ނަމަވެސް ސިވިލް ކޯޓުން 2023 ވަނަ އަހަރު ނިންމީ އެ މަޝްރޫއުގެ ޓެކްސް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. މި ހުކުމާ ގުޅިގެން ޗައިނާ ކުންފުނިން ސިވިލް ކޯޓުގައި އިޖްރާއީ އިއުތިރާޒެއް ނެގި ނަމަވެސް، މިދިޔަ ޖުލައި މަހު އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމާ ނުރުހިފައި ކުންފުނިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން، ގޮތެއް ނިންމެންދެން ސިވިލް ކޯޓުން މައްސަލަ ކުރިއަށް ނުގެންދިނުމަށް އެދުނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ނެރުނު އަމުރުގައި ބުނީ، އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ކުރިއަށް ގެންދިޔަ ނަމަ އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތުމުން މައްސަލަ މަޑުޖައްސާލަން އަންގާ ކަމަށެވެ. މީގެ އިތުރުން، ޓެކްސް ދައްކަން ޖެހޭނީ ސަރުކާރުން ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ދައުލަތުން ވެސް އިސްތިއުނާފް ކޮށްފައިވާއިރު، އެ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައިކޯޓުން ކުރިން ވަގުތީ އަމުރު ނެރެފައިވެއެވެ.
ކޮމެންޓު ފޮނުވާ