ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އދގެ ކޮމިޓީ އޮފް އެކްސްޕަރޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަން މެނޭޖްމަންޓް ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-ޖީޖީއައިއެމްއޭޕީ) ގެ އެގްޒެކެޓިވް ބޯޑަށް ދިވެހި ފަރާތެއް ހޮވިއްޖެއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝާފީ، 2025-2028 ވަނަ ދައުރަށް މި މަގާމު ފުރުއްވާނެއެވެ.
ދެކުނު ކޮރެއާގައި މިއަދު ބޭއްވުނު ޔޫއެން-ޖީޖީއައިއެމްއޭޕީގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ޝާފީ މި މަގާމަށް ހޮވުނެވެ. މި އެގްޒެކެޓިވް ބޯޑުގައި ދިވެހިރާއްޖެއާއެކު އާމީނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާ ހިމެނެއެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ކޮމިޓީގައި ދިވެހިރާއްޖެއިން ޖިއޯސްޕޭޝަލް ދާއިރާގައި ސަރަހައްދީ ގައުމުތަކުގެ މެދުގައި އެއްބާރުލުން ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކުރާނެއެވެ. މި ކޮމިޓީގެ އެގްޒެކްޓިވް ބޯޑުގައި ދެ ކޯ-ޗެއާ، ތިން ވައިސް-ޗެއާ އާއި އެހެނިހެން މެމްބަރުން ހިމެނޭގޮތަށް ޖުމްލަ 15 މެމްބަރުން ތިބެއެވެ. ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެގްޒެކްޓިވް ބޯޑުން މައިގަނޑު ރޯލެއް އަދާކުރެއެވެ.
ޔޫއެން-ޖީޖީއައިއެމްއޭޕީ އަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި ޖިއޯސްޕޭޝަލް މައުލޫމާތު ތަރައްގީކޮށް، ބެލެހެއްޓުމަށް މަސައްކަތްކުރާ، އދގެ ޖީޖީއައިއެމްގެ އޮނިގަނޑުގެ ދަށުން ހިންގާ ސަރަހައްދީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި 56 ގައުމު ހިމެނޭއިރު، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ޖިއޯސްޕޭޝަލް ޓެކްނޮލޮޖީ ވިލަރެސްކޮށް، މެންބަރު ގައުމުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ