ހުޅުމާލޭގައި ހުންނަ ކޭ-ޕާކް މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްގެ ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ މައްސަލައިގައި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމެއް ކޮށްފިއެވެ. މި ހުކުމުގައި ވަނީ އެ ކުންފުންޏަށް، ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތަކާ ހަވާލުކުރުމަށް ނުވަތަ ފައިސާ އަނބުރާ ދޭން އަންގާފައެވެ.
ގ. ކަކާކެއާގެ އަލީ އާދަމް ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު ހަންބޯ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކޭ-ޕާކުން ހަތަރު އެޕާޓްމަންޓް ގަނެ ވިއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެއްބަސްވުމުގައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައި ނުވާކަމަށް އަލީ އާދަމް ތުހުމަތު ކުރެއެވެ.
އަލީ އާދަމް ކޯޓަށް ހުށަހެޅި އެދުމަކީ، އޭނާ ގަތް ހަތަރު އެޕާޓްމަންޓް ހަވާލުކުރުމަށް ނުވަތަ އެ ފްލެޓްތައް ގަތުމަށް ދެއްކި 2.9 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ހަންބޯއަށް އެންގުމެވެ. ކޯޓުން މި މައްސަލަ ހަންބޯ ކުންފުންޏަށް ރައްދުކުރުމުން، ޖަވާބު ދިނުމަށް ދެވުނު 14 ދުވަހުގެ މުއްދަތުގައި އެ ކުންފުނިން އެއްވެސް ރައްދެއް ހުށަހަޅާފައެއް ނުވެއެވެ. އަދި މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅުމެއްވެސް ކޮށްފައެއް ނުވެއެވެ.
މިގޮތުން ހަންބޯ ކުންފުނިން މައްސަލައަށް ރައްދު ނުދިނުމުން، ސިވިލް ކޯޓުން ނިންމީ އެ ކުންފުނީގެ ގައިރި ހާޒިރުގައި މައްސަލައިގެ ހުކުމް އިއްވުމަށެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަލީ އާދަމް ގަތް ހަތަރު އެޕާޓްމަންޓް އޭނާއާ ހަވާލުކުރުމަށް ހަންބޯ ކުންފުންޏަށް އަމުރުކުރާ ކަމަށެވެ. މި މުއްދަތުގައި އެޕާޓްމަންޓްތައް ހަވާލުކުރެވެން ނެތްނަމަ، އެ ފްލެޓްތައް ގަތުމަށް އަލީ އާދަމް ދެއްކި 2.9 މިލިއަން ރުފިޔާ އަނބުރާ ދޭންޖެހޭނެ ކަމަށްވެސް ކޯޓުން ނިންމައިފިއެވެ.
ކޭ-ޕާކް ފްލެޓްތަކުގެ މައްސަލަ ބޮޑުވެފައިވަނީ، ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އެ ފްލެޓްތައް މަކަރާއި ހީލަތުން ގިނަ ބަޔަކަށް ވިއްކާފައިވާތީއެވެ. މި ވަގުތު މަންޑޭގެ މައްޗަށް މިފަދަ 100 އަށްވުރެ ގިނަ ދައުވާ ކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކުގައި ކޯޓުން ވަނީ ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުގެ ހައްގުގައި ނިންމުންތައް ނިންމަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ