އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހިރިމަރަދޫ އިން ހަނިމާދޫއަށް ހިޖުރަކުރާ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހިރިމަރަދޫ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާއާ ދެމެދު ބޭއްވުނު ޖަލްސާގައި، ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރުމުގެ ފްރޭމްވަރކް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.
މި އެއްބަސްވުމުގެ ދަށުން، ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމުގެ އިތުރުން، އެ ސަރަހައްދުގައި މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ.
މި މަޝްރޫޢަކީ ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ