ދައުލަތަށް އެންމެ ގިނައިން ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކޮށް "ރަން ފަނަރަ" އެވޯޑްދީފި

ދައުލަތަށް އެންމެ ގިނައިން ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކޮށް "ރަން ފަނަރަ" އެވޯޑްދީފި

Author
ހުސައިން
10 އޮގަސްޓް 2025 09:12
0

ފާއިތުވީ 15 (ފަނަރަ) އަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެންމެ ގިނައިން މީރާއަށް ފައިސާދައްކައިފައިވާ ފަރާތްތަށް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ "ރަންފަނަރަ" އެވޯޑްނަމުގައި ޚާއްސަ އެވޯޑެއް، 15 (ފަނަރަ) ފަރާތަކަށް ދީފިއެވެ.  މި އެވޯޑު ދީފައިވަނީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޚާއްސަ ޙަފްލާއެއްގައެވެ. މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެ ހަފްލާގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ފިނޭންންސް އެންޑް ޕްލޭނިންގ، އަލްފާޟިލް މޫސާ ޒަމީރެވެ.

މިގޮތުން، މި އެވޯޑު ލިބިފައިވާ ފަރާތްތަކަކީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް، އިތާފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް، ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް، ގަތަރު އެއަރވޭސް ގުރޫޕް، ރީތި ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް، ޔުނިވަރސަލް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑް އަދި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްއެވެ. މި ފަރާތްތަކީ 1 ޖަނަވަރީ 2011 އިން ފެށިގެން 30 ޖޫން 2025 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި މީރާއަށް އެންމެ ގިނަ އަދަދަކަށް ފައިސާދައްކައިފައިވާ ފަރާތްތަކެވެ.

މީރާއިން ޢަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންފަނަރަ އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި ޢަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ޙަފްލާގައި މީރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 10 އަހަރު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނާއި 15 އަހަރު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުނަށް ޚާއްސަ އެވޯޑް ދީފައިވެއެވެ. އަދި ހަމައެއާއެކު ފާއިތުވީ އަހަރުގެ މީރާގެ 'ސްޓާފް އޮފް ދަ އިޔަރ' ހޮވައި އެ ފަރާތަށްވެސް އެވޯޑްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.