ވައިގެ މަގުން އެހީ ފޯރުކޮށްދޭން ވައްޓާލި ޕެލެޓަކުން ޖެހި 15 އަހަރުގެ ފަލަސްޠީނު ކުއްޖަކު ޝަހީދުވެއްޖެ

ވައިގެ މަގުން އެހީ ފޯރުކޮށްދޭން ވައްޓާލި ޕެލެޓަކުން ޖެހި 15 އަހަރުގެ ފަލަސްޠީނު ކުއްޖަކު ޝަހީދުވެއްޖެ

Author
ހުސައިން
10 އޮގަސްޓް 2025 08:58
0

ޣައްޒާގައި އިންސާނީ އެހީގެ ގޮތުގައި ވައިގެ މަގުން ވައްޓާލި ޕެލެޓަކުން ޖެހިގެން 15 އަހަރުގެ ފަލަސްޠީނު ކުއްޖަކު ޝަހީދުވެއްޖެއެވެ. މުހައްމަދު ޒަކަރިއްޔާ އީދު ނަމަށް ކިޔާ މި ކުއްޖާ މަރުވީ ހޮނިހިރު ދުވަހު މެދުތެރޭ ޣައްޒާގެ ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި ހިނގި މި ހާދިސާގައެވެ.

އަލްޖަޒީރާ އިން ޞައްޙަކަން ކަށަވަރުކޮށްފައިވާ މަންޒަރުތަކުން ފެންނަގޮތުގައި، ހާދިސާ ހިނގި ވަގުތު އެ ކުއްޖާގެ ވަށައިގެން ގިނަ ބަޔަކު އެއްވެ، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރިއެވެ. އޭނާގެ މޫނުމަތީގައި ލޭ ހުރިކަން މަންޒަރުތަކުން ފެނެއެވެ. ފަހުން އޭނާގެ ބޭބެ އޭނާ އުފުލައިގެން ނުސައިރާތުގެ އަލް-އައުދާ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުގައި އޭނާގެ ބައްޕަ އޭނާގެ ހަށިގަނޑު ހިފަހައްޓައިގެން ހުރި ދުރުހެލި މަންޒަރު ވެސް ފެނެއެވެ.

އީދުގެ ބޭބެ ރޮއިޓަރސް ނިއުސް އޭޖެންސީއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ، "އަޅުގަނޑުމެން ދިރިއުޅެމުންދާ ބަނޑުހައިކަމާއި ދަތި ހާލަތުގެ ތެރެއިން ވެސް، އަޅުގަނޑުގެ އަޚު ދިޔައީ މަތިންދާބޯޓުތަކުން ކަނޑަށް ވައްޓާލި އެހީގެ ތަކެތި ހޯދަމުންނެވެ. ފޮށްޓެއް ސީދާ އޭނާގެ ގައި މައްޗަށް ވެއްޓިގެން އޭނާ ޝަހީދުވީ" ކަމަށެވެ.

"އެމީހުންނަށް އެއްގަމު މަގުން އެހީ ވެއްދޭކަށް ނެތް. އަނެއްކޮޅުން އެމީހުން އަޅުގަނޑުމެންގެ ބޯމައްޗަށް އެތަކެތި ވައްޓާލައިގެން އަޅުގަނޑުމެންގެ ކުދިން މަރާލަނީ" އޭނާ ބުންޏެވެ.

މި ހާދިސާއާއެކު ހައި ހޫނުކަމުގައި މަރުވި މީހުންގެ އަދަދު 212 އަށް އަރާފައިވެއެވެ. މީގެ އިތުރުން، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރޭގައި، ވައިގެ މަގުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި މަދުވެގެން 23 ފަލަސްޠީނު މީހުން މަރުވެފައިވާ އިރު، އިތުރު 124 މީހުން ޒަޚަމްވެފައިވެއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގި އިރު، ވައިގެ މަގުން އެހީ ފޯރުކޮށް ދިނުމަކީ ނުރައްކާތެރި، ނާކާމިޔާބު އަދި އަގުބޮޑު ކަމެއްކަމަށް އދ އިން ތަކުރާރުކޮށް އިންޒާރު ދީފައި ވެއެވެ. އދ އިން އިސްރާއީލަށް ގޮވާލާފައިވަނީ އޭގެ ބަދަލުގައި އެއްގަމު މަގުން ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

ކާބޯތަކެތި ނުލިބުގެ މައްސަލަ އިންތިހާ އަށް ބޮޑު ވެފައިވާ މި ދަނޑިވަޅުގައި، ޣައްޒާ ސްޓްރިޕް ގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޣައްޒާ ސިޓީ މުޅިން ހިފުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމުމުން ދުނިޔޭގެ ނުރުހުން އިސްރާއީލަށް އަމާޒު ވެފައިވެއެވެ. ހަނގުރާމައިގައި ވީރާނާ ވެފައިވާ އެ ސިޓީގައި މިހާރު ގާތްގަނޑަކަށް އެއް މިލިއަން މީހުން ދިރިއުޅެމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.