ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު؛ ދައުވާކުރުމަށް ޕީޖީ އޮފީހުން މަޝްވަރާ ކުރަނީ

ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު؛ ދައުވާކުރުމަށް ޕީޖީ އޮފީހުން މަޝްވަރާ ކުރަނީ

Author
ޙަސަން މުޙައްމަދު
09 އޮގަސްޓް 2025 07:22
0

ނ. ހޮޅުދޫގެ ގުދަނެއްގައި މަރުވެފައި ފެނުނު ޒަކިއްޔާ މޫސާގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އިހުމާލުވި ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމައި، ފުލުހުންގެ މައްޗަށް ދައުވާކުރުމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޝްވަރާކުރަން ފަށައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި، 50 އަހަރުގެ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށްފަހު އެންއައިސީން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. މިހާރު މި މައްސަލަ އޮތީ ދައުވާކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވިއެވެ.

އެންއައިސީން ފުލުހުންނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލު ހިންގުމާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުން ހިމެނެއެވެ.

ޒަކިއްޔާގެ އާއިލާއިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި، އެ އިހުމާލުތައް ފޮރުވަން މަސައްކަތްކުރި ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަމުންދަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.

އާއިލާގެ ވާހަކައިގައި، ފުލުހުން ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހެދި ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށާއި، އެފަދަ ރިޕޯޓެއް ނެތް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ޒަކިއްޔާގެ ފިރިމީހާ މުހައްމަދު ރަޝީދު އުމަރު، ކުރިން ޒަކިއްޔާއަށް ގެވެށި އަނިޔާ ކޮށްފައިވާ ކަމަށް ހެކިވެރިއަކު ފުލުހުންނަށް ބަޔާންދީފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

ހެކިވެރިއެއްގެ ބަޔާނުގައި، ޒަކިއްޔާ ފިރިމީހާއާ ދުރަށް ދާން ބޭނުންވި ކަމަށާއި، ރޭގަނޑު ކޮޓަރީގައި އަނިޔާކުރާތީ ގެއާ ކައިރީގައި އޮންނަ ނިކަ ގަހެއްގެ ކައިރީގައި ހުންނަ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން ވިދާޅުވެއެވެ. އެއްރެއަކު ފިރިމީހާ ޒަކިއްޔާ ނަގައި ނިކަ ގަހުގެ މޫތަކާ ދިމާލަށް އެއްލާލި ކަމަށާއި، ފަހުން އިސްތަށިގަނޑު އަތަށް އޮޅާލައި 250 ފޫޓު ދުރުމިނަށް ދަމާގެންދިޔަ ކަމަށް ޒަކިއްޔާ ހެކިވެރިއަކަށް ބުނި ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

2024 ސެޕްޓެމްބަރު 10 ވަނަ ދުވަހު ޒަކިއްޔާގެ މަރުވެފައި އޮއްވައި ފެނުނުއިރު، އެ ދުވަހު ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް އެރިއެވެ. ޖަސަދު ތަހުލީލުތައް ހެދުމަށް މާލެ ގެނެސް، ސެޕްޓެމްބަރު 12 ގައި އަލުން ހޮޅުދޫއަށް ގެންގޮސް ވަޅުލައިފައިވެއެވެ.

ނޮވެމްބަރު 25 ގައި ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޮޑު ހިނގާލުމެއް ބޭއްވިއެވެ. ޑިސެމްބަރު 3 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް ތަހުގީގަށް ފާހަގަވެފައިނުވާ ކަމަށް ބުނެފައިވެއެވެ.

2025 ޖެނުއަރީ 23 ގައި މި މައްސަލައިގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަން ފެށިއެވެ. ފެބްރުއަރީ 23 ގައި އެޗްއާރްސީއެމާއި އެންއައިސީން މައްސަލަ ބަލަން ފެށިއެވެ. ފެބްރުއަރީ 26 ގައި ސިލްސިލާ އިހުތިޖާޖުތަކުގެ ސަބަބުން ފުލުސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ހޮޅުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ވަނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއް ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.