ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ. މި ޔަގީންކަން ދެއްވީ ނ. އަތޮޅު ދަތުރުފުޅުގައި ހޮޅުދު އަށް ވަޑައިގެން، ޒަކިއްޔާގެ އާއިލާގެ މެންބަރުންނާއި ރަށުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ރައީސް މުއިއްޒު ހޮޅުދު އަށް ފައިބައި ވަޑައިގަތުމުން، ޒަކިއްޔާގެ އާއިލާއާއި ރައްޔިތުން އިންސާފަށް ގޮވާލައި ބޯޑުތައް ހިފައިގެން ތިބި ތަން ފެނިވަޑައިގަތެވެ. މި ހާލަތުގައި ނިއު ލައިފް ގޭގެ ޒަކިއްޔާގެ އާއިލާގެ އެދިލެއްވުމާ އެކު، ރައީސް އެ މީހުންނާ ވަކިން ބައްދަލުކުރައްވައި، މައްސަލާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކާއި ކަންބޮޑުވުންތައް ތަފްސީލުކޮށް އަޑުއެއްސެވި އެވެ.
ބައްދަލުވުމުގައި ޒަކިއްޔާގެ އާއިލާއިން ފާހަގަކުރީ، މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހޭ ކަންކަމާއި، އޭނާ މަރުވި ދުވަހު ފުލުހުން އަމަލުކުރި ގޮތާ މެދު ހުރި ޝަކުވާތަކެވެ. އާއިލާގެ ފަރާތުން ހުށަހެޅި ކަންކަން ފުރިހަމައަށް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި ޒަކިއްޔާ މަރުވެފައި ފެނުނީ ނިއު ލައިފް ގޭގެ ބަދިގެ ގުދަނެއްގައެވެ. އޭނާގެ އާއިލާއިން ދަނީ މިއީ ޤަތުލެއް ކަމަށް ތުހުމަތުކުރަމުންނެވެ. މި މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ހޮޅުދޫގައި ބޮޑެތި މުޒާހަރާތަކެއް ވެސް ބޭއްވިފައިވެ އެވެ.
ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމަކީ، ފޮރެންސިކް ޓީމު ސީނަށް ދިއުމުގެ ކުރިން ފުލުހުން އެތަން ރޫޅާލައި، ފޮޓޯ ފަދަ ހެކި ރަނގަޅަށް ނުނެގުމެވެ. ފުލުހުން ބުނާ ގޮތުގައި، މި މައްސަލައިގެ ތަހުގީގު ލަސްވީ އާދައިގެ މަރެއް ކަމަށް ގަބޫލުކުރަން ދަތިވާތީ އެވެ.
މި މައްސަލާ ގުޅިގެން ކުރިން ވެސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސް އޮފިޝަލުން ހޮޅުދު އަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާފައިވެ އެވެ. ނަމަވެސް އާއިލާއިން އެދެނީ މި މައްސަލައިގެ ތަހުގީގު ކުރުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށެވެ.
ކޮމެންޓު ފޮނުވާ