ކޭ-ޕާކް ރެސިޑެންސީ މައްސަލައާ ގުޅޭ ގަރާރު މަޖިލީހުން ބަލައިގެންފި

ކޭ-ޕާކް ރެސިޑެންސީ މައްސަލައާ ގުޅޭ ގަރާރު މަޖިލީހުން ބަލައިގެންފި

Author
ހުސައިން
22 ޖުލައި 2025 01:52
0

ކޭ-ޕާކް ރެސިޑެންސީ މަޝްރޫޢުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ގަރާރު އަންގާރަ ދުވަހު މަޖިލީހުން ބަލައިގެންފިއެވެ. މި ގަރާރު ބަލައިގަތީ ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ ތާއީދާ އެކުގައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި ގަރާރަށް ބަހުސްކުރައްވަމުން އޭނާ ފާހަގަކުރެއްވީ، ކޭ-ޕާކް ފަދަ މަޝްރޫޢުތައް މޮނިޓަރކޮށް ފާރަވެރިވާނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި ނެތް ކަމަށެވެ. މިފަދަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބެމުން ނުދާތީ، ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

ކޭ-ޕާކް ރެސިޑެންސީސް މަޝްރޫޢުއާ ގުޅިގެން ދިގުލައިގެން ދާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތުމާ ގުޅިގެން، މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ. މި ޕެޓިޝަނާ ގުޅޭގޮތުން މެމްބަރު ކުޑޫ، މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މި މައްސަލައިގައި ބޯހިޔާވަހިކަން ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަދިވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

އެޗްޑީސީ ފަދަ ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ލިބިފައިވާ މުއައްސަސާއަކުން، މި މައްސަލައިން އަސަރުކޮށްފައިވާ ފަރާތްތަކަށް އިންސާފެއް ނުވަތަ އެއްވެސް ލުޔެއް ހޯދައިދިނުމަށް މަސައްކަތް ނުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކުޑޫ އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.