ދައުލަތުގެ ޑޮލަރު އާމްދަނީ 37 ޕަސެންޓް މައްޗަށް – ހަ މަހުން 772 މިލިއަން ޑޮލަރު ލިބުނު

ދައުލަތުގެ ޑޮލަރު އާމްދަނީ 37 ޕަސެންޓް މައްޗަށް – ހަ މަހުން 772 މިލިއަން ޑޮލަރު ލިބުނު

Author
ހުސައިން
12 ޖުލައި 2025 10:34
0

ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ. މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް ބަލާއިރު، ދައުލަތަށް ޑޮލަރު އާމްދަނީގެ ގޮތުގައި ޖުމްލަ 772 މިލިއަން ޑޮލަރު ލިބިފައިވާ ކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަދަދަކީ ފާއިތުވި އަހަރުގެ ހަމަ މި މުއްދަތުގައި ލިބުނު 562 މިލިއަން ޑޮލަރާ އަޅާބަލާއިރު 37 ޕަސެންޓްގެ ކުރިއެރުމެކެވެ. މިއީ ދައުލަތުގެ ޑޮލަރު އާމްދަނީއަށް އައިސްފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޑޮލަރުން ލިބޭ އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހިއްސާ އަކީ ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ ކަމުގައިވާ ޓީޖީއެސްޓީ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މި މުއްދަތުގައި 399.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 73 މިލިއަން ޑޮލަރު ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 77 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޓޫރިޒަމް ބިންތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް 65 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 57.4 މިލިއަން ޑޮލަރު އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 57.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މި ތަފާސްހިސާބުތަކުން ދައްކަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވަރުގަދަވަމުން އަންނަ ކަމާއި، ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ކަމެވެ. މިއީ ރާއްޖޭގެ އިގްތިޞާދަށް ވަރަށް ހެޔޮ ނިޝާނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.