މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު އާ މެންބަރުން ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހުރި ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. މީގެ އިތުރުން ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ޓެކްސް، އިޤްތިޞާދު، މާލީ، އެކައުންޓިންގ، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި އޮންނަންވާނެއެވެ.
މި މަގާމަށް އެދޭ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގައި ނުވާ ފަރާތްތަކަށް ވާންޖެހޭ އިރު، ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއް ހިންގުމުގައި އިސްކޮށް ބައިވެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެސް ވެގެން ނުވާނެކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ނޫން އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އާ ދެމެދުގައި ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ