ނުލިބިހުރި 3.7 ބިލިއަން ރުފިޔާގެ ޓެކްސް ފައިސާ މީރާއިން ހޯދައިފި

ނުލިބިހުރި 3.7 ބިލިއަން ރުފިޔާގެ ޓެކްސް ފައިސާ މީރާއިން ހޯދައިފި

Author
ހުސައިން
16 ޖޫން 2025 12:24
0

ދައުލަތަށް ލިބެންޖެހި ނުލިބިހުރި ޓެކްސް ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 3.7 ބިލިއަން ރުފިޔާ ހޯދުމަށް ކާމިޔާބުވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މީރާއިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، ކާމިޔާބު ހާސިލުކޮށްފައިވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ތަފާތު ތަންފީޒީ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ނޯޓިސް ފޮނުވުމާއި، ޑިއުޒް ކްލިއަރަންސް ނުދިނުމާއި، ބޭންކް އެކައުންޓްތައް ފްރީޒްކުރުން ފަދަ ކަންކަން ހިމެނެއެވެ.

އެންމެ ގިނަ ފައިސާ ހޯދިފައިވަނީ ނޯޓިސް ފޮނުވައިގެން ކަމަށްވާއިރު، އެ ގޮތުން 2.74 ބިލިއަން ރުފިޔާ ހޯދާފައިވެއެވެ. ޑިއުޒް ކްލިއަރަންސް ނުދީގެން ހޯދިފައިވަނީ 625.74 މިލިއަން ރުފިޔާއެވެ. ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ސިޔާސަތުގެ ދަށުން 109.42 މިލިއަން ރުފިޔާ ހޯދިފައިވާއިރު، ރިމައިންޑާ ކޯލްތަކާއި އީމެއިލް މެދުވެރިކޮށް 239.87 މިލިއަން ރުފިޔާ ހޯދިފައިވެއެވެ. މީގެ އިތުރުން ނަން ހާމަކުރުމުގެ ފިޔަވަޅު އެޅިގެން 43.94 މިލިއަން ރުފިޔާއާއި ޤާނޫނީ ފިޔަވަޅުތައް އަޅައިގެން 86،733 ރުފިޔާ ހޯދިފައިވެއެވެ.

މީރާގެ މަޢުލޫމާތު ދައްކާ ގޮތުން ޓެކްސް ބަޔާން ހުށަހެޅުމަށް 52،158 ފަރާތަކަށް ނޯޓިސް ފޮނުވިއިރު، އޭގެ ތެރެއިން 4،311 ފަރާތުން ނޯޓިސްއާ އެއްގޮތަށް އަމަލުކޮށްފައިވެއެވެ. ހަމައެހެންމެ ފައިސާ ދެއްކުމަށް 36،843 ފަރާތަކަށް ނޯޓިސް ފޮނުވިއިރު، 8،139 ފަރާތުން އެ ނޯޓިސްތަކަށް އަމަލުކޮށްފައިވެއެވެ.

ޓެކްސް ދައްކަން އުނދަގޫވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގޮތުން މީރާއިން 1،029 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭން ހަމަޖައްސައިދީފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މި ޕްލޭންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 2.5 ބިލިއަން ރުފިޔާ ކަމަށް މީރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.