ރިސޯޓް ކުލީގެ ގޮތުގައި ފާއިތުވި އަހަރު މީރާއަށް 1.8 ބިލިޔަން ރުފިޔާ ލިބިފައިވޭ – އަންދާޒާއަށްވުރެ 7.4% އިތުރު

ރިސޯޓް ކުލީގެ ގޮތުގައި ފާއިތުވި އަހަރު މީރާއަށް 1.8 ބިލިޔަން ރުފިޔާ ލިބިފައިވޭ – އަންދާޒާއަށްވުރެ 7.4% އިތުރު

Author
ހުސައިން
15 ޖޫން 2025 10:04
0

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން، ރިސޯޓްތަކުގެ ކުލީގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވާ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު 6.7 ޕަސެންޓް އިތުރުވެއްޖެއެވެ.

2024 ވަނަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި ޖުމްލަ 1.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މީރާއިން އަންދާޒާކުރި 1.7 ބިލިޔަން ރުފިޔާއަށްވުރެ 7.4 ޕަސެންޓް އިތުރު އަދަދެކެވެ. 2023 ވަނަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިޔަން ރުފިޔާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރިސޯޓް ކުލީގެ ގޮތުގައި އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ކާފު އަތޮޅުންކަމަށް ރިޕޯޓުން ދައްކައެވެ. ކާފު އަތޮޅުން 542.45 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ރާ އަތޮޅުން 260.47 މިލިޔަން ރުފިޔާ އަދި ބާ އަތޮޅުން 201.01 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އަންދާޒާކުރި އަދަދަށްވުރެ ރިސޯޓް ކުލީގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، އަލަށް ކުލި ދައްކަން ފެށި ރިސޯޓްތަކުން ޝެޑިއުލާ އެއްގޮތަށް ކުލި ދައްކަން ފެށުމާއި، ގިނަ ރިސޯޓްތަކުން ކުލީގެ މުއްދަތުތަކަށް ފައިސާ ދައްކާފައިވުންކަމަށް މީރާއިން ބުނެއެވެ.

މީރާގެ ރިޕޯޓުން ދައްކާގޮތުން ރިސޯޓް ކުލި އަކީ، މީރާއަށް 2024 ވަނަ އަހަރު އެންމެ ގިނަ އާމްދަނީ ލިބުނު ތިންވަނަ ދާއިރާއެވެ. މިގޮތަށް ރިސޯޓް ކުލީގެ އާމްދަނީ އިތުރުވަމުންދާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަމުގެ ހެއްކެއްކަމަށް އިޤްތިޞާދީ ޚާއްޞިންނާއި ސަރުކާރުގެ އިސްވެރިން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.