މުލީ އެއާޕޯޓް އާންމު ދަތުރުތަކަށް ހުޅުވާލައިފި

މުލީ އެއާޕޯޓް އާންމު ދަތުރުތަކަށް ހުޅުވާލައިފި

ގުޅުންހުރި

މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ކަމުގައިވާ މުލި އެއާޕޯޓް ތަރައްގީކޮށް ނިމި، ދާދި ފަހުން އާންމު ދަތުރުތަކަށް ވަނީ ހުޅުވާލައިފައެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން މިކަން ކަށަވަރުކޮށްދެމުން ބުނީ މި އެއާޕޯޓުގެ މަސައްކަތް ފުރިހަމައަށް ނިމި، މިހާރު ޑޮމެސްޓިކް އުދުހުންތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. މިހާރު ރާއްޖޭގެ ޑޮމެސްޓިކް އުދުހުންތައް އޮޕަރޭޓްކުރާ ކުންފުނިތަކުގެ ތެރެއިން މޯލްޑިވިއަން، ވިލާ އަދި މަންތާއަށް މުލި އެއާޕޯޓަށް އުދުހުންތައް އޮޕަރޭޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އޭރްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

މި އެއާޕޯޓަކީ މީމު އަތޮޅުގެ ރައްޔިތުން ދިގު މުއްދަތެއް ވަންދެން އިންތިޒާރުކުރަމުން އައި ތަރައްގީގެ މަޝްރޫޢެއް ކަމަށާއި، މި އެއާޕޯޓާއެކު އެ ސަރަހައްދުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވަނީ ފާހަގަކޮށްފައެވެ. އެއާޕޯޓުގެ ޓެސްޓް ފްލައިޓް ޖެއްސީ ވޭތުވެދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.

މީމު އަތޮޅަކީ ރާއްޖޭގައި މިހާތަނަށް އެއާޕޯޓެއް ގާއިމުކުރެވިފައިނުވާ މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. މި އެއާޕޯޓުގެ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިއީ 221.7 މިލިއަން ރުފިޔާގެ ބޮޑު ޚަރަދެއް ހިނގާފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކައި، 1,812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މީގެއިތުރުން، 1,200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ވެސް ވަނީ ގާއިމުކުރެވިފައެވެ. މި އެއާޕޯޓް ހުޅުވުމާއެކު މީމު އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އަތޮޅުގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ