އިންސާނީ ނުވަތަ ގުދުރަތީ ހާދިސާތަކުގެ ސަބަބުން ސަރުކާރުގެ ހިންގުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ޑިޒާސްޓާ ރިކަވަރީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރެވުނީ ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީ ކުންފުންޏާއެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޑިޖިޓަލް ސަރުކާރު އޮޕަރޭޓްކުރުމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ގާއިމުކޮށްފައިވާ މުވާސަލާތީ އިންފްރާސްޓްރަކްޗާތަކަށް އިންސާނީ އަމަލުތަކުން ނުވަތަ ގުދުރަތީ ހާދިސާތަކުން ދިމާވެދާނެ މައްސަލަތަކާ ގުޅިގެން ހިދުމަތްތައް އަލުން އިއާދަކުރުމާއި، ސަރުކާރުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ތަންފީޒީ ޕްލޭނެއް އެކުލަވާލުމަށް މި ފިޔަވަޅު އެޅިފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންސީއައިޓީގެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ޑރ. މުޙައްމަދު ކިނާނާއެވެ. ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް ބިޒްނަސް، މރ. ކްރިޝާން ޕެރޭރާއެވެ.
މި މަޝްރޫއު 4 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މަޝްރޫއުގެ އަގަކީ 45,525 އެމެރިކާ ޑޮލަރެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫއުގެ ހިލޭ އެހީގެ ދަށުންނެވެ.
ތައްޔާރުކުރެވޭ ޕްލޭންއަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތް ޕްލޭނަކަށް ވާނެއެވެ. މި ޕްލޭންގައި 22 އަހަރު ވެފައިވާ އިންފްރާސްޓްރަކްޗާގެ މިހާރުގެ ހާލަތާއި، ގުދުރަތީ ކާރިސާތަކާއި، ސައިބަރ ހަމަލާތަކާއި، ކަރަންޓު ކެނޑުމާއި، އަލިފާނުގެ ހާދިސާތަކާ ގުޅޭ ރިސްކް އެސެސްމަންޓްތައް ހިމެނޭނެއެވެ.
މީގެ އިތުރުން، މިފަދަ ޕްލޭނެއް ތަންފީޒުކުރުމާ ގުޅިގެން މުވައްޒަފުންނަށް ބޭނުންވާ ހުނަރުތަކާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތައް ކަނޑައެޅޭނެއެވެ. ހަމައެއާއެކު، މިފަދަ ކާރިސާތަކުގައި އަމަލުކުރާނެ ގޮތުގެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ވެސް ސަރުކާރަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ