ދިވެހިބަހާއި އަދަބިއްޔާތުގެ ދުނިޔެއަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެވެމުންދަނިކޮށް އަވަހާރަވި މަޑުލު ވަޙީދަކީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އުމުރުފުޅުން 77 އަހަރުގައި އަވަހާރަވެވަޑައިގެންނެވި ބޭފުޅެކެވެ.
ދިވެހި ލެންގުއޭޖް މިނިސްޓަރު އާދަމް ނަސީރު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޑުލު ވަޙީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވައިދެއްވިއެވެ. މި ދަފްތަރުގައި ސޮއިކުރުމުގެ އިންތިޒާމްތައް ކުރިއަށްދަނީ ދިވެހި ލެންގުއޭޖް މިނިސްޓްރީގައެވެ.
ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި ބައި ގަރުނަށް ވުރެ ގިނަ ދުވަހު މަޑުލު ވަޙީދު ކުރެއްވި މަސައްކަތްޕުޅުތަކާއި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، 1985 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި 2019 ވަނަ އަހަރު، ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ރަން ގަލަން ވެސް ލިބިވަޑައިގެންނެވިއެވެ.
35 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ސަރުކާރަށް ޚިދުމަތް ކުރެއްވި މަޑުލު ވަޙީދު، އެންމެ ފަހުން އަދާކުރައްވާފައިވަނީ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގެ މަޤާމެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1966 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ