މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ގޮތުގައި މިދިޔަ މާރިޗު މަހު ދައުލަތަށް 3.38 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 15.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ.
މީރާއިން އިތުރަށް ފާހަގަކުރި ގޮތުގައި މިއީ މާރިޗު މަހަށް އަންދާޒާކުރި އާމްދަނީއަށްވުރެ 26.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި މީގެ ކުރިން ފެބްރުއަރީ މަހު ދައުލަތަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާއެވެ.
މީރާއިން ބުނެފައިވާ ގޮތުގައި، މާރިޗު މަހު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ފެބްރުއަރީ މަހުގެ ޓެކްސް ދެއްކުމުގެ ސުންގަޑިތައް ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން މާރިޗު މަހުގެ 3 ވަނަ ދުވަހަށް މުއްދަތު އިތުރުކުރެވިފައިވުމެވެ. އަދި މީގެއިތުރުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީވެސް މި މުއްދަތުގައި ބަލައިގަނެފައިވުމަކީ އާމްދަނީ އިތުރުވި ސަބަބެކެވެ.
މީރާގެ ހިސާބުތަކުން ދައްކާގޮތުން، މާރިޗު މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 57 އިންސައްތައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 384.3 މިލިއަން ރުފިޔާއާއެކު ރިސޯޓުތަކުގެ ކުލިން ނުވަތަ ޓޫއަރިޒަމް ލޭންޑް ރެންޓުގެ ގޮތުގައެވެ.
އެހެނިހެން ބޮޑެތި އާމްދަނީގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 270 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 180 މިލިއަން ރުފިޔާ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 157 މިލިއަން ރުފިޔާ ހިމެނެއެވެ.
މީގެއިތުރުން މީރާގެ ހިސާބުތަކުން ދައްކާގޮތުން މާރިޗު މަހު އާމްދަނީގެ ގޮތުގައި 174.23 މިލިއަން އެމެރިކާ ޑޮލަރުވެސް ލިބިފައިވެއެވެ.
ނަމަވެސް މީރާއިން ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ މަހު ޓޫރިޒަމްގެ އާމްދަނީ ދަށްވެފައިވެއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 1.5 އިންސައްތަ ދަށްވެފައިވުމަކީ މިކަމަށް ބަލާއިރު މައިގަނޑު ސަބަބުކަމުގައި މީރާއިން ބުނެފައިވެއެވެ.