ރ. އުނގޫފާރުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހާމަކޮށްފިއެވެ. ކުންފުނިން ބުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަލުން ފެށުމަށް ބޭނުންވާ ބޮޑު ހިލަ މިހާރު ވަނީ ރަށަށް ގެންގޮސްފައިކަމަށެވެ.
އެކުންފުނިން ހާމަކުރި ގޮތުގައި މުޅި މަޝްރޫއުގެ 64 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމް.ޓީ.ސީ.ސީއާއި މި މަސައްކަތް ހަވާލުކުރީ 2021 ވަނަ އަހަރު ނަމަވެސް މަސައްކަތް ފެށީ މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް 1,150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރ. އުނގޫފާރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މުޅިން އަލަށް އެރަށުގައި ފެށުނު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ގިރާފައިވާ ސަރަހައްދަށް ވެލި އަޅައި، އެ ސަރަހައްދު އަލުން އިއާދަކުރުން ހިމެނެއެވެ.
އެމް.ޓީ.ސީ.ސީއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށް ކަމަށް ވެއެވެ.