ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅައިފި

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅައިފި

Author
ހުސައިން
27 ފެބްރުއަރީ 2025 02:21
0

ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި، ޒަކިއްޔާގެ މަރުގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ އެރަށުގެ ގިނަ ރައްޔިތުން އަޑުއުފުލަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިނަމަވެސް، އެއީ މީހަކު ކުރިކަމެއްކަމުގެ ހެކި ނެތްކަމަށެވެ. އަދި ތަހުގީގާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާންމުކޮށްފައިނުވާކަމީ ރައްޔިތުންގެ ކަންބޮޑުވުމެއްކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މަރުގެ ހަގީގަތް ދެނެނުގަނެވި ދިގު މުއްދަތެއް ފާއިތުވެފައިވާތީ، އެކަމުގެ ފަހަތުގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ހޮޅުދޫ މިވަގުތު އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކޮށް، 241 ކޮމިޓީ މެދުވެރިކޮށް މައްސަލަ ބަލައި ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުޑޫ އެދިވަޑައިގެންފައިވެއެވެ. މި މައްސަލައާ ގުޅިގެން މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަތަކެއް ހުށަހެޅުނުނަމަވެސް، އެ މައްސަލަތައް ބަލައިގަނެފައިނުވާކަން ފާހަގަކުރެވެއެވެ.

ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް އެދި ކުރެވޭ މުޒާހަރާތަކުގައި ބައެއް ރައްޔިތުން ތުހުމަތުކުރާގޮތުގައި މަރުގެ ފަހަތުގައި ޒަކިއްޔާގެ ފިރިމީހާ އިންކަމަށް ބެލެވޭކަމަށާއި، އޭނާ ހައްޔަރުކުރުމަށް ވެސް ގޮވާލާފައިވެއެވެ. މި މައްސަލަ ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހޮޅުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ޒަކިއްޔާގެ އޮޓޯޕްސީ ނުހަދައި ވަޅުލާފައިވުމަކީ ފުލުހުން ހެދި ގޯހެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.