ސެޕްޓެމްބަރު 10 ވަނަ ދުވަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ނިންމައިފިއެވެ. މި މަރުގެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައި ނުވާއިރު، މި މައްސަލައާ ގުޅިގެން ހޮޅުދޫގައި އިހުތިޖާޖުތަކެއް ވެސް ވަނީ ކުރެވިފައެވެ.
އެންއައިސީން މިއަދު ވިދާޅުވީ، ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް އާންމު ރައްޔިތުން ކުރަމުންދާ ސީރިއަސް ތުހުމަތުތަކާއި، މި މައްސަލައަކީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވާތީ، ފުލުހުން ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް ކަމެއް ކޮށްފައިވޭތޯ ބަލާނެ ކަމަށެވެ.
ޑިސެމްބަރު 3 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ޒަކިއްޔާގެ މަރަކީ މީހެއްގެ ފުށުން ލިބުނު އަނިޔާއެއްގެ ސަބަބުން ދިމާވި މަރެއްކަން މިހާތަނަށް ތަހުގީގުން އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް، ޒަކިއްޔާގެ ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުރި ކަމަށާއި، އޭގެ ތެރޭގައި ކަރުގެ ދެފަރާތުގައި ތޫނު އެއްޗަކުން ލިބިފައިވާ އަނިޔާގެ ޒަހަމްތައް ހިމެނޭ ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.
މި މައްސަލަ ތަހުގީގު ކުރުމުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން މިދިޔަ މަހުގެ 1 ވަނަ ދުވަހު ހާމަކުރެއްވިއެވެ.