މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫ ގައި އެ ރަށު ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން މިއަދު އެ ރަށުގައި އިހުތިޖާޖުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ޖެހި ޕެޕަ ސްޕްރޭގެ ސަބަބުން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެއެވެ.
"ޚަބަރު އޮންލައިން" އަށްމައުލޫމާތު ލިބިފައިވާ ގޮތުގައި، މަނަދޫން ދިޔަ ފުލުހުން ލޯންޗުން ރަށަށް އަރަން އުޅުނު އިރު ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެފައިވެއެވެ. އަދި ފުލުހުން ރަށަށް އެރުމުގެ ކުރިން އެ ސަރަހައްދަށް ޕެޕަ ސްޕްރޭ ޖަހަން ޖެހުނެވެ. މި ހާދިސާގައި އުމުރުން ދުވަސްވީ ހަތަރު މީހަކު ނޭވާ ހާސްވެގެން ސިއްހީ މަރުކަޒަށް ގެންދިޔަކަން އެ މަރުކަޒުން ކަށަވަރުކޮށްދީފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.
ޒަކިއްޔާ މަރާލި ކަމަށް ތުހުމަތުކޮށް މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް، ހުސްވި ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި ގޮތުގައި އޭނާ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައެއް ނުވެއެވެ. އަދި ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ނޫންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ރަށު މީހުން ގަބޫލުކުރާ ގޮތުގައި ޒަކިއްޔާ ވަނީ މަރާލާފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު ގުދަނުން ފެނުނު ވަޅީގައި އޭނާގެ ލޭ ހުރުމާއި، އޭނާ ފެނުނު އިރު ކަރުގައި ވަޅި އަޅާފައި ހުރިކަމަށް ފުލުހުންވެސް ބުނެފައި ވެއެވެ.