ފާއިތުވި މަހު މީރާއަށް ލިބުނު އާމްދަނީ 3.3 ބިލިއަން ރުފިޔާއަށް

ފާއިތުވި މަހު މީރާއަށް ލިބުނު އާމްދަނީ 3.3 ބިލިއަން ރުފިޔާއަށް

ގުޅުންހުރި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ އިދާރާއަށް 3.3 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެވިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.7 ޕަސެންޓް ދަށް އަދަދެއް ނަމަވެސް، މި އަހަރުގެ ޖެނުއަރީ މަހަށް އަންދާޒާކުރި އަދަދަށްވުރެ ފަސް ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބަކީ ބޭންކް އިންކަމް ޓެކްސް އާއި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބުނު އާމްދަނީ މަދުވުމެވެ. އަދި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފަރާތްތަކުގެ އާމްދަނީ ޓެކްސް ނެގުމުގެ ފުރަތަމަ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން، ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރެވިފައިވުމަކީވެސް އާމްދަނީ ދަށްވުމަށް މެދުވެރިވި ސަބަބެކެވެ.

އެހެންނަމަވެސް، އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކޮށްފައިވަނީ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވުމެވެ.

މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.59 ބިލިއަން ރުފިޔާ (47.7 ޕަސެންޓް) ލިބިފައިވާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 1.19 ބިލިއަން ރުފިޔާ (35.8 ޕަސެންޓް) ލިބިފައިވެއެވެ. މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 115.39 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 113.49 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 108.26 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ