ގާސިމް އިބުރާހިމް އަބަދުވެސް މަސައްކަތް ކުރެއްވީ އެހެން މީހުންނަށް ރަގަޅު ގޮތް ހޯދާދޭން: އިލްޔާސް

ގާސިމް އިބުރާހިމް އަބަދުވެސް މަސައްކަތް ކުރެއްވީ އެހެން މީހުންނަށް ރަގަޅު ގޮތް ހޯދާދޭން: އިލްޔާސް

ގުޅުންހުރި

މިރޭ ބޭއްވުނު ގާސިމް އިބްރާހިމްގެ ހަޔާތުނާމާ ނެރުމުގެ ހާއްސަ ޖަލްސާގައި، ނިޝާން އިއްޒުއްދީންގެ ވެރިޔާ އިލްޔާސް އިބްރާހިމް ވިދާޅުވެފައިވަނީ، ގާސިމް އިބްރާހިމްއަކީ އަމިއްލަ ފައިދާއަށް މަސައްކަތްކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، އެހެން މީހުންނަށް ރަނގަޅު ގޮތް ހޯއްދަވައިދެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގައެވެ.

އިލްޔާސް އިތުރަށް ވިދާޅުވެފައިވަނީ، ގާސިމްއަކީ އެންމެ ހަގު އުމުރުން ފެށިގެން ވެސް ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި، ފުރަތަމަ މާލެއަށް ވަޑައިގެން ކިޔަވައި ވިދާޅުވީ ވެސް ވަރަށް ވަރުގަދަ އަޒުމަކާއެކު ކަމުގައެވެ. އަދި މިއަދާ ހަމައަށް ވެސް އެކި ރޮނގުރޮނގުން ގާސިމް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް އިލްޔާސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް މިނިވަންކަމާއި ޑިމޮކްރަސީ ގެނައުމުގައި ގާސިމް އަދާކުރެއްވި މުހިންމު ދައުރު އިލްޔާސް ފާހަގަކުރެއްވިއެވެ. އިންތިޚާބީ ރިޔާސަތު އުފެދިގެން އައި ފަހުން، ފުރަތަމަ ތިން ފަހަރުވެސް ވެރިކަން ކާމިޔާބުކުރީ ގާސިމް ތާއީދުކުރެއްވި ފަރާތްތަކުން ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ގާސިމްގެ ސިޔާސީ ކާމިޔާބީގެ އަސްލަކީ އެމަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ކަމުގައި ވިދާޅުވިއެވެ.

އިލްޔާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގާސިމްއަކީ ރައްޔިތުންނަށް އެހީތެރިވުމުގައި ނަމޫނާ ބޭފުޅެއް ކަމަށާއި، އަތްޕުޅުގައި ހުންނެވި މިންވަރަކުން އަބަދުވެސް އެހެން މީހުންނަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅެއް ކަމުގައެވެ. މީގެ ތެރޭގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކުރި ދަރިވަރުންނަށް ދެއްވި އެހީތެރިކަމާއި، އާސަންދަ ފަދަ ނިޒާމެއް ނެތް ދުވަސްވަރު އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރުން އެތައް ދިވެހި ޢާއިލާއަކަށް ބޭސްފަރުވާކުރެވޭނެ މަގު ފަހިކޮށްދެއްވި ކަން ހިމެނެއެވެ. އިލްޔާސް ނިންމަވާލެއްވީ، ގާސިމްގެ ޚިދުމަތްތަކަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެންނަން ހުރި އަގުހުރި ޚިދުމަތްތަކެއް ކަމުގައި ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *