މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ (50 އަހަރު) މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި ކަންހިނގާދިޔަ ގޮތާމެދު އުފެދިފައިވާ ޝައްކުތަކާ ގުޅިގެން، އެމެރިކާގެ ތަޙްޤީޤީ އިދާރާ އެފްބީއައިގެ އެހީތެރިކަން ހޯދަން ފުލުހުން ފަށައިފިއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނުންނެވެ. އޭނާގެ ހަށިގަނޑުގެ ކަރުގައި ޒަޚަމްތަކެއް ހުރުމާއި، ވަޅިއެއް ކައިރީގައި އޮތުމުން މިއީ މަރާލުމެއްކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް އެފަދަ ހެއްކެއް އަދި ނުލިބޭކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވިގޮތުގައި، މައްސަލައިގެ ތަޙްޤީޤަށް އެފްބީއައިގެ އެހީތެރިކަން ހޯދަމުންދެއެވެ. ރަށު މީހުންގެ ޝަކުވާ އިތުރުވެފައިވާތީ، ފުލުހުންގެ ތަޙްޤީޤު ހިނގާދިޔަ ގޮތުގެ ރިވިއުއެއް ހެދުމަށާއި، މިނިވަން ތަޙްޤީޤީ އިދާރާއެއް މެދުވެރިކޮށް ޝައްކުތައް ސާފުކުރުމަށް މި އެހީތެރިކަން ހޯދަނީކަމަށް އެނގިފައިވެއެވެ.
ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިޙު ވިދާޅުވެފައިވަނީ މިހާތަނަށް ބެލިބެލުމުން އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން ފާހަގަނުކުރެވޭ ކަމަށެވެ. ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ދެއްކުމުން، އެހެން މީހެއްގެ ފަރާތުން ލިބުނު އަނިޔާއެއްކަން ފާހަގަނުކުރެވޭކަމަށް ޑޮކްޓަރު ލަފާދީފައިވެއެވެ. ހަށިގަނޑުން ފެނުނީ ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެކެވެ.
ޒަކިއްޔާގެ ކަރުގެ ދެފަރާތުގައި ގިނަ ޒަޚަމްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ވާތްފަރާތުގައი ފުން ތިން ޒަޚަމާއި، ކަނާތްފަރާތުގައި ފުން ދެ ޒަޚަމް ހިމެނެއެވެ. މޭމަތީގައި ވަތްކެއްގެ ނިޝާނެއް ހުރިނަމަވެސް، އެއީ މީހެއްގެ ފަރާތުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫންކަމަށް ޑޮކްޓަރު ލަފާދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރަށުތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި، ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް، ފަހުން ދޫކޮށްލާފައިވެއެވެ. އަދި ޢާއިލާގެ މެދުގައިވެސް އެކި ތުހުމަތުތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މައްސަލަ ހިނގާދިޔަ ގޮތް އަދި މުޅިން ސާފުނުވާތީ، ތަޙްޤީޤު ދަނީ ކުރިއަށެވެ.