ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު

އެމްއެމްޕީއަފުސީގެ ހިޔާނާތާ ގުޅިގެން އަދީބާއެކު ހަތަރު މީހުންނަށް ހަދާފައިވާ އިމިއުނިޓީ އެއްބަސްވުން ޕީޖީން އުވާލައިފި

އެމްއެމްޕީއަފުސީގެ ހިޔާނާތާ ގުޅިގެން އަދީބާއެކު ހަތަރު މީހުންނަށް ހަދާފައިވާ އިމިއުނިޓީ އެއްބަސްވުން ޕީޖީން އުވާލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާއެކު އެކުލަވާލާފައިވާ އިމިއުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ނިންމައިފިއެވެ.

މި އެއްބަސްވުންތައް އެކުލަވާލެވިފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ނަމަވެސް، ތަހުގީގީ އިދާރާތަކުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން އެ ފަރާތްތަކުން މައްސަލައިގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީ މި ނިންމުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެއްބަސްވުން އުވާލަން ނިންމާފައިވަނީ ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްގަފޫރު، މ. ލޭންޑް އޮފް ގާރޑެން، އަހްމަދު އިޝްފާހް އަލީ، މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އަދި ގ. އޮއިވާލި، މުހައްމަދު ހުސައިނާ އެކު ވެފައިވާ އެއްބަސްވުންތަކެވެ. އަދި ހ. އާހަމަ، ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި އެ އޮފީހުން މީގެކުރިން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، އެ އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް އެ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *