އިންޑިއާ އައުޓު ހަރަކާތަކީ ޔާމިންގެ ހަރުކަށި ފިކުރެއްކަން ހާމަކޮށްދިނުމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ.
އަދީބު ސަރުކާރަށް ޝުކުރު އަދާކުރީ، ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް ޔާމީންގެ ހަރުކަށި ސިޔާސަތެއްގެ ދަށުން ހިންގެވި ހަރަކާތެއްކަން ހާމަކުރެއްވުމާ ގުޅިގެންނެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އަދީބު ވިދާޅުވެފައިވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންޑިއާ އައުޓް ހަރަކާތުގެ ހަޤީޤަތް އިންޑިއާގެ ނޫސްވެރިންނާއި އިސްފަރާތްތަކަށް އޮޅުންފިލުވައިދެއްވަމުން ގެންދެވިކަމަށެވެ. އެ ހަރަކާތުގައި މި ސަރުކާރުގެ، ޚާއްސަކޮށް ރައީސް ޑރ. މުއިއްޒުގެ އެއްވެސް ބައިވެރިވުމެއް ނެތްކަންވެސް ސާފުކޮށްދެއްވާފައިވާނެކަމަށް އަދީބު ފާހަގަކުރެއްވިއެވެ. އިތުރަށް އަދީބު ވިދާޅުވީ އެއީ ރައީސް ޔާމީންގެ ނަފްރަތު އުފެއްދުމުގެ ސިޔާސަތުގެ ދަށުން ހިންގެވި ހަރުކަށި ކެމްޕޭނެއްކަމަށެވެ.
Since January 2024, I’ve been highlighting to my friends in India 🇮🇳 & Indian media that this so called “India Out” campaign was originated by Former President Yameen with his Indophobic tendencies. Grateful to Maldives 🇲🇻 Foreign Minister Dr. Khaleel @abkhaleel for the official… https://t.co/JTMUrboSbN
— Ahmed Adeeb (@Ahmed_Adeeb) January 4, 2025
އިންޑިއާގެ "ވިއޯން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ޚަލީލް ވިދާޅުވެފައިވަނީ، އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް ޔާމީންގެ ވިސްނުންފުޅަށް އެމަނިކުފާނު ހިންގެވި ހަރަކާތެއްކަމަށެވެ. މިހާރު ރައީސް ޔާމީން ހުންނެވީ މި ސަރުކާރާ ދެކޮޅަށް އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިގެން މަސައްކަތްކުރައްވަމުންކަމަށްވެސް ޚަލީލް ފާހަގަކުރެއްވިއެވެ. އަދި ފަސްއެނބުރި ބެލުމެއްނެތި މި ސަރުކާރުން ދާނީ އިންޑިއާއާއެކު ކުރިއަށްކަމަށްވެސް އެ އިންޓަވިއުގައި ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.