މީރާއިން މިއަދު ހާމަކުރި ގޮތުގައި، ކ. މާފުށީގައި "ކާނި ހޮޓެލްސް" ގެ ނަމުގައި ހިންގާ ހަތަރު ގެސްޓްހައުސް ވިޔަފާރިން ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ހިމެނެނީ ކާނި ޕާމް ބީޗް، ކާނި ގްރޭންޑް ސީވިއު، ކާނި ވިލެޖް އަދި ކާނި ބީޗް ހޮޓެލް ހިމެނޭ ގޮތަށް ހަތަރު ހޮޓަލެކެވެ. މީރާއިން ބުނެފައިވާ ގޮތުގައި، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، މި ހޮޓާތަކުން ހުށަހެޅި ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
މީރާގެ ތަހުގީގުން ދައްކާގޮތުގައި، މި ހޮޓާތަކަށް އަންނަ އެންމެހާ ގެސްޓުންގެ މަޢުލޫމާތު ހުށަހަޅާފައި ނުވެއެވެ. މީގެ ތެރޭގައި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރުންގެ މަޢުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ފާހަގަކުރެވުނެވެ. އަދި އެއަރޕޯޓް ޓްރާންސްފަރ، ރެސްޓޯރަންޓް، ސްޕާ އަދި އެކްސްކާޝަން ފަދަ ޚިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑުބައި ވެސް ބަޔާންތަކުގައި ހިމަނާފައެއް ނުވެއެވެ.
މި މައްސަލައިގައި "ކާނި ހޮޓެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް" އަދި "އަސްނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" ގެ އިތުރުން، ކުންފުނީގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަބްދުﷲ ނަޝީދާއި އާމިނަތު އާސިމާ ސަލީމް، އަދި ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އައިޝަތު ރަޒުނާގެ މައްޗަށް ދަޢުވާކުރުމަށް ވަނީ ހުށަހަޅާފައެވެ.
މީރާއިން އިތުރަށް ބުނެފައިވާ ގޮތުގައި، ޖީއެސްޓީ އަދި ޖީއާރުޓީ އޮޑިޓުތަކުގައި އަށްލައްކައަށްވުރެ ގިނަ ޑޮލަރު (13.3 މިލިއަން ރުފިޔާ) އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި، މި ފައިސާ ދެއްކުމަށް ކުންފުންޏަށް އަންގާފައިވެއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ދައްކަންޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ، ގަސްތުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ.