އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނިންމުމަށް، ކުރީގެ ކޮންޓްރެކްޓަރަށްވުރެ ކުޑަ އަގެއްގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށް، މިއަދު އަމަލީ މަސައްކަތް ފަށައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2022 ސެޕްޓެމްބަރު 29 ގައި އަމިން ކޮންސްޓްރަކްޝަނާ 168.5 މިލިއަން ރުފިޔާއަށް، 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތް، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމި ނަމަވެސް، އިތުރު 80 މިލިއަން ރުފިޔާ ހަރަދުވާނެތީ، އެ ފައިސާ ސަލާމަތްކުރުމަށްޓަކައި މަސައްކަތް ލަސްކުރެވުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ، އަންގާރަ ދުވަހު އާރްސީސީއާ އެކު 85 މިލިއަން ރުފިޔާއަށް އަރަބިއްޔާގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށެވެ. އެއީ ކުރިން ލިބިފައި އޮތް އެއްބަސްވުމުގެ އަގަށްވުރެ 83 މިލިއަން ރުފިޔާ ކުޑަ އަގެކެވެ. 100 ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ވައުދުވެފައިވާއިރު، 80 މިލިއަން އިތުރަށް ހޭދަކޮށްގެން އެކަން ކުރެވުނު ނަމަވެސް، އެއީ ރައްޔިތުންގެ ފައިސާކަމުން އެގޮތަށް ނުކުރުމަށް ނިންމިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އަރަބިއްޔާ އަޅަން ނިންމި ބާ ޖަމާލުއްދީން ސްކޫލް ހުރި ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބަކަށް ވާތީ، ރައީސް މުއިއްޒު ވަނީ އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ތަން، ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށްޓަށް ބަދަލުކުރައްވައި، އެ ބިމަކީ އަރަބިއްޔާ ސްކޫލްގެ ދާއިމީ ބިންކަމުގައި ކަނޑައަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ