މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓް މި ސަރުކާރުން ހުސްކޮށްލާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ. ނަމަވެސް އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ފެންނަން ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ މިއަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނާޒިލް ފާހަގަކުރެއްވީ މިއަހަރަށް ފާސްކުރި ބަޖެޓް ސަރުކާރުން ހުސްކޮށްލި ގޮތާމެދު ޝައްކު އުފެދޭ ކަމަށެވެ.
ނާޒިލް ސުވާލު އުފެއްދެވީ ބަޖެޓުގެ ފައިސާ ހޭދަކުރެވުނު ޕްރޮޖެކްޓްތަކާއި، ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ކުރެވުނު ޚަރަދުތަކާ ބެހޭ ގޮތުންނެވެ. އޭގެ އިތުރުން، ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުން ކުރި މަސައްކަތްތައް ރައްޔިތުންނަށް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިލްގެ ދެކިވަޑައިގަތުމުގައި، މި ސަރުކާރުން ބަޖެޓް ހުސްކޮށްލީ ގިނަ ބަޔަކަށް ބޮޑެތި މުސާރައާއެކު ވަޒީފާތައް ދިނުން ފަދަ ކަންކަމަށެވެ. އަދި ބަޖެޓް ހުސްކޮށްލުމަށްފަހު ކުރީގެ ސަރުކާރުގެ ވާހަކަ ދެއްކިޔަސް، މި ސަރުކާރަށް މިހާރު ސަލާމަތްވެވެން ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.