ސަރުކާރުން ޓެކްސް އިތުރުކުރުމުގެ ނިންމުމާމެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ފާޑުވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 17 ޕަސެންޓަށް އަދި ގްރީން ޓެކްސް 12 ޑޮލަރަށް ބޮޑުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެމްޑީޕީގެ ހަރުގޭގައި ބޭއްވުނު ޖަލްސާއެއްގައި ނާޒިލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ބަދަލުތަކުން އަންނަ އަހަރު 963 ބިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ނަމަވެސް، މި ފައިސާ ހޭދަކުރެވޭނީ ފުށިދިއްގަރު ފަރު ހިއްކުމުގެ މަޝްރޫޢަށް ކަމަށެވެ.
ނާޒިލް ވިދާޅުވީ މި އިތުރުކުރެވޭ ޓެކްސްގެ ފައިދާ ރައްޔިތުންނަކަށް ނުކުރާނެ ކަމަށާއި، ޓެކްސް އިތުރުކުރަނީ ހަމައެކަނި ވަކި ފަރާތަކަށް ފައިދާކުރުވުމަށް ކަމަށެވެ. އަދި އިތުރުކުރެވޭ ޓެކްސްއިން ލިބޭނެ ފައިދާއަކީ ކޮބައިކަން ސާފުނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިޤްތިޞާދު 4.3 ޕަސެންޓުން ކުރިއަރަމުންދާ ކަމަށް ވިދާޅުވެ، އެހެންނަމަވެސް ފައިސާ ނެތްކަން ފާހަގަކުރެއްވިއެވެ.
ނާޒިލް އިތުރަށް ފާޑުކިޔުއްވަމުން ވިދާޅުވީ، ސަރުކާރަށް ލިބޭ އާމްދަނީ މެނޭޖުކުރަން ނޭނގޭ ކަމަށާއި، މިއީ ނާޤާބިލު ސަރުކާރެއް ކަމަށެވެ. މި ގޮތަށް ޓެކްސް އިތުރުކުރުމަކީ އެމްޑީޕީއިން ޤަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.