ހަނިމާދޫ އެއާޕޯޓްގެ %69 މަސައްކަތް ނިމިއްޖެ

ހަނިމާދޫ އެއާޕޯޓްގެ %69 މަސައްކަތް ނިމިއްޖެ

Author
އަހުމަދު
19 ސެޕްޓެމްބަރ 2024 11:44
0

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ %69.2 މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި، މަޝްރޫއުގެ ކޮންޓްރެކްޓަރު އަދި ކޮންސަލްޓަންޓުންނާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި އެ ވުޒާރާގެ އިސް އޮފިޝަލުންނާއި ޓެކްނިކަލް ޓީމުގެ އިތުރުން އެމްއޭސީއެލް އަދި އާރްއޭސީއެލްގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަނެ، ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ނިންމުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުންނެވެ.

ހަނިމާދޫ އެއަރޕޯޓު މަޝްރޫއަކީ 2022 ގައި އިންޑިއާގެ ޖީއެމްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރުއޫ އެކެވެ. މި މަޝްރުއޫގެ ދަށުން އެއާޕޯޓުގެ އާ ޕްރޮޖެކްޓާ އެކު 2.7 ކިލޯ މީޓަރުގެ ރަންވޭ އަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލެއްގެ އިތުރުން ޖެޓް ފިއުލް ސްޓޯރޭޖެއް ވެސް ގާއިމް ކުރާނެ އެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލްކުރުމުގެ މަޝްރުއޫގެ ތެރެއިން ގާއިމްކުރާ 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ 97 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އިންފްރަސްޓްރަކްޗާ މިިނިސްޓްރީން ބުނެ އެވެ. މި ރަންވޭ މިހާރު ވަނީ ބޭނުންކުރަން ވެސް ފަށާފަ އެވެ. މި މަޝްރުއޫގެ ދަށުން ގާއިމްކުރާ ފިއުލް ފާމް އާއި ފިއުލް ޖެޓީގެ 44.5 އިންސައްތައިގެ މަސައްކަތް ނިމިފައިވާއިރު، ފަސިންޖާ ޓާމިނަލްގެ 51.4 އިންސައްތަ އަދި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ 75 އިންސައްތަ މަސައްކަތް ވަނީ ނިންމަލާފަ އެވެ.

މި މަޝްރުއޫއާ އެކު އެއާޕޯޓަށް މުހިންމު މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެ އެވެ.

މި އެއާޕޯޓު ތަރައްގީ ކުރަނީ އޭ 320 މަރުކާގެ ބޯޓު ޖެއްސޭ ގޮތަށެެވެ. މިނިސްޓްރީން ލަފާކުރާ ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް ނިމޭނީ އަންނަ މާޗް މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.