މ. މުލީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މުބީން ވިދާޅުވީ މުލީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މުވައްޒަފުން ނެގުމަށްފަހު ތަމްރީނު ދިނުމަށްވެސް ވެސް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން އިއުލާނުކޮށްގެން މުވައްޒަފުން ހަޔަރ ކުރުމުގެ މަސައްކަތް މިކުރަނީ، އަދި ހުޅުވުން މިއޮތީ އަދި ތިން ހަތަރު މަސް ފަހުން."، މުބީން ވިދާޅުވިއެވެ.
މުލީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކިއެވެ. އަދި 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރިއިރު، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކޮށްފައި ވެއެވެ. އަދި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކޮށްފައި ވެއެވެ.
މިހާރު ކުރިއަށް ދަނީ އެއާޕޯޓަށް ބޭނުންވާ އިމާރާތްތައް ނިންމުމުގެ މަސައްކަތްތަކެވެ.މުލީ އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.