އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހއ. ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ކުށްވެރިކޮށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީން ބަޔާނެއް ނެރެފިއެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުން ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާ، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ. މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ގާނޫނުން އެ ކައުންސިލާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށް ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި މި އިންތިހާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށް ބުނަމުންދާ ކަމުގައި ބަޔާނުގައިވެއެވެ. މިއީ ކަނޑައެޅިގެން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހިލާފު ކަމެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.
"އެހެންކަމުން ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް މި ކޯލިޝަނުން ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ގޮވާލަމެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަޙްޤީޤުކުރުމަށްވެސް މި ކޯލިޝަނުން ގޮވާލަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.