މި ދުވަސްވަރަކީ މަސަވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް ދައްކާކަމަށް ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެއާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން ކަމަށާއި، އަދި އެއީ ލިބޭ ވަރަށްވެސްބޮޑު ހިތްދަތިކަމެއްކަމަށް ގަބޫލުކުރައްވާ ކަމުގައެވެ.
އަދި ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށާއި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ދީ ޚަލާސްކުރެވިއްޖެ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ މަސްވެރިންނަށް ނުދެއްކިހުރި ފައިސާ މަސްވެރިންްނަށް ދެއްކުމަށް، ސަރުކާރާއ އަދި މިފްކޯއިންދަނީ ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް، ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންކަމުން ގެންދާ ކަމުގައެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލޯނެއް ނަގައިގެންވެސް ދެއްވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށް، ޝިޔާމް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަމަށެވެ.
އެހެންނަމެވެސް އޭނާ ޔަގީން ކުރަނީ ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން ކަމުގައި ޝިޔާމް ވިދާޅުވެފައި ވެއެވެ.
އަދި މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލުކުރައްވަން އެންމެ ކުރިޔަށް ނިކުންނަވާ ކަމަށާއި، މަސްވެރިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލެއްވުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.