ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަމުގެ ޒޯނެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ އިއްޔެ ހަވާލުކޮށްފިއެވެ.
މިއެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީންއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ.
މިއެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމުގެ ޒޯނެއް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ، އެއާޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، އެ ޒޯން ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑިންގ ނުވަތަ އިންވެސްޓަރުން ހޯދުންވެސް އެއްބަސްވުމުގައި ހިމެނެއެވެ.
ރީޖަނަލް އެއާޕޯޓުން ބުނެފައިވަނީ، މި މަޝްރޫއުގެ އެންމެ މައިގަނޑު އެއް ބޭނުމަކީ، މިވަގުތު އެބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސްބިމަކަށްވާތީއާއި ކުޅުދުއްފުއްޓަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް އެންމެ މަންފާކުރާނެ މަޝްރޫއެއް އެބިމުގައި ހިންގުން ކަމުގައެވެ.
އޭގެ އިތުރުން މި ޕްރޮޖެކްޓުގެ ސަބަބުން، ކުޅުދުއްފުށި ސިޓީ އާއި ކުޅުދުއްފުށީގައިވާ އެހެނިހެން ގެސްޓްހައުސްތަކާއި ވިޔަފާރިތައް ދުނިޔޭގައި މާކެޓްވެގެންދާނެ ކަމަށްވެސް ރީޖަނަލް އެއާޕޯޓުން ބުނެފައި ވެއެވެ.
މިވަގުތު އާރްއޭސީއެލްގެ ފަރާތުން ޖުމްލް ހަތް އެއާޕޯޓެއް ރާއްޖޭގެ އެކި ހިސާބު ތަކުގައި އޮޕަރޭޓް ކުރެއެވެ.