ނިމިދޔަ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 170 މިލިޔަން ރުފިޔާ ހަމަޖެއްސުމަށްޓަކައި މިނިސްޓަރ ޝިޔާމް، ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގާއި މަޝްވަރާ ކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގައި އޮތް މިބައްދަލުވުމުގައި މިނިސްޓަރ ޝިޔާމްއާއި، މިނިސްޓަރ ޝަފީގުގެ އިތުރުން ދެ މިނިސްޓްރީގެ ކަމައި ގުޅުންހުރި އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރުވެސް ނިމިދޔަ ސަރުކާރުން މަސްވެރިންނަށް ނުދީ 200 މިލިޔަން ރުފިޔާގެ ފައިސާ އެބަހުއްޓެވެ. ނަމަވެސް ރައީސް ވެރިކަމާއި ހަވާލުވެ ވަޑައިގެން ފާއިތުވެގެންދިޔަ އެއް ހަފްތާގެ ތެރޭގައި އޭގެ ތެރެއިން 30 މިލިޔަން ރުފިޔާގެ ފައިސާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މިނިސްޓަރ ޝިޔާމް ގެންދަވަނީ ބާކީ ހުރި 170 މިލިޔަން ރުފިޔާ ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ ފިނޭންސް މިނިސްޓަރ ޝަފީޤުއާއި ބައްދަލު ކުރައްވައި މިފައިސާ ހަމަޖެއްސޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ވަޒީރު ކަމާއި ޝިޔާމް ހަވާލުވެ ވަޑައިގެންނެވި ފަހުން މަސްވެރިންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާއަކީވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިހުރި ކަމުގެ ޝަކުވާއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރުމުގެ މައިގަނޑު އެއް ސަބަބަކީ މަހުގެ އަގު ކުރީ ސަރުކާރުން ބޮޑު ކުރުން ކަމަށެެވެ. އަދި އެއަގުގައި މަސް ގަންނަމުން ދިޔުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިން ބޭނުންވަނީ ދައުލަތަށް ބުރަ ނުވާނެ އަގެއްގައި މަހުގެ އަގު ހުރުން ކަމަށެވެ. އަދި މަސް ގަންނަ އަގު ބޮޑުކޮށްގެން ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ މަސްވެރިންނަށް އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ކުރިމަތިވާކަމެއް ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
އެގޮތުން މިސަރުކާރުން މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.