1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ލުތުފީ މުޅިން މިނިވަން ވެއްޖެއެވެ.
ލުޠުފީއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން އިރު އެންމެ އިސްކޮށް ހުރި މީހާއެވެ. މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫން ވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.
ނަމަވެސް އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލާފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ 2019 ވަނަ އަހަރު މެއި 01 ވަނަ ދުވަހުއެވެ.
ލުތުފީ ލަންކާގެ އެމްބަސީއަށް ދިއުމުން އޭނާ އަށް އެމްބަސީ އިން ހިމާޔަތްދީ، އެތަނުގެ އެޕާޓްމަންޓެއްގައި އޭނާ ބަހައްޓައި އެކަން ސަރުކާރުން ސިއްރު ކުރިއެވެ. ނަމަވެސް މީސް މީޑިއާއަށް އެވާހަކަތައް ތިލަވުމުން ސަރުކާރުން އެންމެފަހުން ވަނީ ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެއްބަސްވެފައެވެ.

ލުތުފީ މާލެ ގެނައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ އެންމެ ފަހުން ތަންފީޒު ކުރަމުން ދިޔައީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ. އަދި އޭނާގެ މައްޗަށް ވަނީ ފިލި މައްސަލައިގައި ވެސް ހުކުމް ކޮށްފައެވެ.
ލުތުފީ އިސްވެ ހުރެ ވެރިކަން ވައްޓާލަން ދިން އެ ހަމަލާގައި ސިފައިންގެ 8 މީހަކާއި އާންމުންގެ 11 މީހަކު ޝަހީދުވިއެވެ.
ކޮމެންޓު ފޮނުވާ