އެމްއޭސީއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

އެމްއޭސީއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވަޒީފާގައި ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށްފިއެވެ.

ރޭ ދަރުބާރުގޭގައި، މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޠާހާގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރި ވަޑައިގެންނެވިއެވެ. އެ ހަފްލާގައި ޖުމްލަ 139 މުވައްޒަފަކަށް ވަނީ އެ މުވައްޒަފުން ކުންފުންޏަށް ކޮށްދެމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި 20 އަހަރު ހިދުމަތް ކޮށްދީފައިވާ 24 މުވައްޒަފަކާއި 25 އަހަރު ހިދުމަތް ކޮށްދީފައިވާ 69 މުވައްޒަފަކާއި 30 އަހަރު ހިދުމަތްކޮށްދީފައިވާ 35 މުވައްޒަފަކާއި 35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 6 މުވައްޒަފަކާއި 40 އަހަރު ހިދުމަތް ކޮށްދީފައިވާ 5 މުވައްޒަފުންގެ އަގުވަޒަންކުރިއެވެ.

މީގެ އިތުރުން، ކުންފުނީގެ މަސައްކަތުން ރިޓަޔަރ ކޮށްފައިވާ 11 މުވައްޒަފަކަށްވެސް އެމުވައްޒަފުން ކޮށްދިން ހިދުމަތްތައް ފާހަގަކޮށް ވަނީ ހަދާނީ ފިލާ ހަވާލުކޮށްފައެވެ.

އެމްއޭސީއެލް ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޠާހާ ވިދާޅުވީ ކުންފުންޏެއްގައި ދިގު މުއްދަތެއް ވަންދެން މުވައްޒަފުން ހޭދަކުރާނީ އެކުންފުޏަކީ މަސައްކަތް ކުރުމަށް އެކަށިގެންވާ ތަނަކަށް ވުމުންކަމަށެވެ. އަދި އެމްއޭސީއެލަކީ މުވައްޒަފުންގެ އަގުވަޒަންކުރާ، މުވައްޒަފުންނަށް ރަގަޅު މާހައުލެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މައި އެއަރޕޯޓަކީ ދިވެހިން ފަޚުރުވެރިވާ އެއަރޕޯޓެއްކަމަށް ހެދުމަށް މަސައްކަތްކޮށްދިނުމަށާއި، އެއަރޕޯޓަށް އަންނަމުންދާ ޒަމާނީ ބަދަލުގައި ހިއްސާވުމަކީ ކޮންމެ މުވައްޒަފެއްގެ ވެސް އުފަލެއްކަމުގައި ހެއްދެވުމަށް ޠާހާ އެދިވަޑައިގެންނެވިއެވެ. އަދި ވީއައިއޭއަކީ ސަރަހައްދީ ފެންވަރުގެ އެއަރޕޯޓަކަށް ހެދުމަށް ގިނަ ދުވަހު ކުންފުނީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ތަޖުރިބާ މުހިއްމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މައި ވައިގެ ބަދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލްގައި 4000އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *