ކޮމިޓީން ލަފާދިނީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން

ކޮމިޓީން ލަފާދިނީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 10 އެވެ. އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަހުގެ ފަހު 10އަކާއި ދިމާވާތީ، އޭގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ.

އެހެން ނަމަވެސް, މިއަދު ބޭއްވި މިނިވަން މުއައްސާސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ހުށަހެޅުންތަކަށް މަޝްވަރާ ކުރުމަށްފަހު ބާރަށު ދާއިރާގެ މެންބަރު އަހުމަދު ހުށަހެޅުއްވީ, ރޯދައިގެ ފަހުން ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ. އެ ހުށަހެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތާއިދު ކުރެއްވުމާއެކު ކޮމިޓީގައި ނެގި ވޯޓުގައި ވަނީ އެގޮތަށް ފާސްކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ދައުރު ހަމަވުމަށް 120 ދުވަސް ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައި އެކަން ކޮމިޝަނުން އަންގަންޖެހެއެވެ. އެގޮތަށް، 120 ދުވަސް ހަމަވާނީ ޖެނުއަރީ 28، 2024 ގައެވެ. އަދި, ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބު ބާއްވައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމަންޖެހެއެވެ. އެ މުއްދަތަށް ބަލާނަމަ އިންތިހާބާ ގުޅޭ އެންމެހާ ކަންތައްތައް ނިންމަންޖެހޭ އެންމެ ފަހު ތާރީހަކީ އޭޕްރީލް 28، 2024 ގައެވެ.

މިދިޔަ ހަފްތާތެރޭގައި ކޮމެޓީއަށް ހާޒިރުވެ އިލެކްޝަންސް ކޮމިޝަނުންވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. މީގެ ތެރެއިން އެއްގޮތަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާނު ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކުރާ، މުއްދަތު، 20 ދުވަހަށް ކުރު ކޮށްލުމެވެ. މިގޮތަށް ކުރު ކޮށްފިނަމަ، މާރޗް 9 ގައި އިންތިޚާބު ބޭއްވިދާނެ ކަމަށާއި، އަދި އެއީ ރަމަޟާން މަސް ފެށުމުގެ 2 ދުވަސް ކުރިއެވެ.

ދެވަނަ ގޮތަކީ ދައުރު ހަމަވާން 120 ދުވަހަށް ވީމާ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާނު ކުރަން ޖެހޭނެ ކަމަށް ޤާނޫނުގައި އޮތް އޮތުން ދައުރު ހަމަވާން 140 ދުވަހަށް ވީމާ އިޢުލާން ކުރަންޖެހޭނެކަމަށް ބުނެ ބަދަލު ގެނައުމެވެ. އޭރުން އަވަހަށް އިޢުލާނުކޮށް، ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވިދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކޮމެޓީގައި ވަނީ ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *