ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމައި އެމްއެންޕީ ދެމި އޮންނާނެކަމުގައި އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގެ މަދު ބަޔަކު އުފައްދައިގެން އުޅޭ ޚިޔާލު ތަފާތުވުމުގެ ތެރޭގައި ރައީސް މުއިއްޒާއިއެކު ތިބިކަން ގިނަ ބަޔަކު ގެންދަނީ ހާމަކުރަމުންނެވެ. މިސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާ ކަމުގައިވާ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ވިދާޅުވީ މިސަރުކާރު ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އެޕާޓީ ދެމި އޮންނާނެ ކަމަށެވެ.
އުޖާލާ ޒަމާނަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ޤައުމުގެ ވެެރިކަމަށް އިންތިޚާބު ކުރެއްވި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކުު އެމްއެންޕީގެ އެންމެހާ މެންބަރުންނާއި އަޅުގަނޑު ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ހެވާލާބައަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ތަރައްޤީގެ މަސައްކަތުގައި ރައްޔިތުން އެއްބާރުލުންދެއްވުމުގައި ދެމިތިއްބެވުމަށް އެދި ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ރައްޔިތުން ގެނައި ވެރިކަމެއް ކަމަށާއި ވެރިކަން ދެމެހެއްޓުމަށް ރައީސާއެކު ދެމި ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޕީޕީއެމް/ޕީއެންސީގެ ޢާންމު މެމްބަރުން ދަނީ ހާމަކުރަމުންނެވެ.
ރައީސް ޑރ މުއިއްޒުގެ ވެރިކަމަށް ހަފްތާއެއް ނުވަނީސް، ރައީސް ޔާމީން ޕާޓީ ދޫ ކުރަައްވައި ދިޔުމަށް ނިންމަވައި، މިހާރު އާ ޕާޓީއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. ރައީސް ޔާމީނާއެކު އެ މަސައްކަތުގައި ބައިވެރިވެލައްވަނީ މުހައްމަދު މަލީހު ޖަމާލާއި މުހައްމަދު ޖަމީލު އަހުމަދެވެ.