ޢަރަބިއްޔާ ސްކޫލްގެ ޕްރޮންސިޕަލްގެ މަޤާމުން ވަކިކުރި، މުޙައްމަދު ޝުޖާއު ޢަބްދުއްރަޙީމް އަލުން އެ މަޤާމަށް ހަމަޖައްސަވައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން ޝުޖާއު ވަކިކޮށް، އޭނާ ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެެވެ.
މިނިސްޓްރީން އެ ނިންމުން ނިންމީ އެ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދިޔަ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ އާއި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށްވެއެވެ. އެކަމަކު އެ މައްސަލާގައި އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
އޭނާ މަޤާމުން ވަކިކުރުމާއި ގުޅިގެން، ސްކޫލްގެ ބެލެނިވެރިން ވަރަށް ބޮޑަށް ކަންޑުވުން ފާޅުކޮށް، އެ މަޤާމަށް ޝުޖާއު އަލުން ހަމަޖައްސަވައިދެއްވުމަށް އެދި އެކި ފަހަރުމަތިން އެޑިޔުކޭޝަން މިނިސްޓްރީއަށް ދަންނަވާފައިވެއެވެ. އޭރު ޝުޖާއު މަޤާމުން ވަކިކުރީ، ޢަރަބިއްޔާގެ ދަރިވަރުންނަށް ކިޔެވުމަށް އެކަށޭނަ މާޙައުލެއް ސަރުކާރުން ހަމަޖައްސައިނުދީ، އެކި އަހަރު އެކި ޢިމާރާތްތަކަށް ބަދަލުކުރަންމުންދާތީ ބެލެނިވެރިން އެކަމުގައި އަޑު އުފުލުމުން، ޕްރިންސިޕަލްގެ ޙައިސިއްޔަތުން އެކަން ހުއްޓުވާފައި ނުވާތީކަމަށް ބުނެއެވެ.
އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއަށްފަހު ޢަރަބިއްޔާ ސްކޫލްގެ ހިންގުން ވަގުތީގޮތުން ޙަވާލުކުރައްވާފައިވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސަޢީދުއާއެވެ.
އެ މައްސަލާގައި ވަޒީފާއާ ބެހެ ޓްރައިބިއުނަލުން ނިންމީ އޭނާ އެހެން މަގާމަށް ބަދަލުކުރީ ގާނޫނާއި ހިލާފަށް ކަމަށާއި 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޖެހޭނެ ކަމަށެވެ.
އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ޝުޖާއުއަށް ފޮނުއްވި ސިޓީގައި ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އޭނާ ބަދަލުކުރަން ނިންމައި މިއަދުން ފެށިގެން އެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް އަންގަވައިފައެވެ..
ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ޢަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ވިދާޅުވެފައެވެ. އަދި އެސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލު ހޯދާ ދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.