ބްރިޖު މަޝްރޫޢުގެ މިހާތަނަށް ނިމިފައިވަނީ 27 ޕަސެންޓް މަސައްކަތް: ސަރުކާރު

ބްރިޖު މަޝްރޫޢުގެ މިހާތަނަށް ނިމިފައިވަނީ 27 ޕަސެންޓް މަސައްކަތް: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2023 04:46
0

ތިލަމާލޭ ބްރިޖު މަޝްރޫއުގެ މިހާތަނަށް ނިމިފައިވަނީ 27 އިންސައްތަ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދަށް އިޤްތިޞާދީގޮތުން އަދި ޢުމްރާނީގޮތުންވެސް ބޮޑު ބަދަލެއް ގެނުވާނެ ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްކުރަނީ އިންޑީއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުއަށް 7 ބިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

މިމަސައްކަތް އޮތް ހިސާބާއި ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ އެއްބަސްވުން އޮތް ގޮތުން މިހާރު އޮންނަން ޖެހޭނީ ބްރިޖުގެ 77 އިންސައްތަ މަސައްކަތް ނިމިފައި ކަމަށެވެ. ނަމަވެސް މިހާތަނަށް ނިމިފައިވަނީ ބްރިޖުގެ 27 އިންސައްތަ މަސައްކަތް ކަމުގައި ރައީސް އޮފީހުގެ މިއަދުގެ ޕްރެސްގައި ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އަދި ސްޕީޑު ބާރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. މިކަން ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަކީ ސަރުކާރުގެ އަމާޒުކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށްގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢު ނިންމުމަށް މިސަރުކާރުން ޢަމާޒުކޮށްފައިވަނީ 2024ވަނަ އަހަރަށެވެ. ދިގުމިނުގައި 6.7 ކިލޯ މީޓަރުގެ ބްރިޖެއް ޤާއިމުކުރުމަށް މި މަޝްރޫޢުގައި ވަނީ ހިމަނުއްވާފައެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫޢަށް ޚަރަދުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.