ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ރެއާއި ދުވާލު މަސައްކަތް ކުރުމަށް ސަރުކާރު އޮތީ ކެތް މަދުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ އައު ގަޑިބުރު އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިރަސްމިއްޔާތުގައި ތަރައްޤީގެ އެކި މަސައްކަތްތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލް ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ މާލެއާއި ރަށްރަށުގައި ރައްޔިތުންނަށް ހިތްހަމަޖައްސާލެވޭނެ ގިނަ ބިނާތަކެއް ޤާއިމްކުރުންކަމަށެވެ. އެކަން ކުރައްވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މެދުވެރިކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތައް ބާރުވެރިކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު އެއް ވިސްނުންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މޭޔަރުކަގައި ހުންވައިގެން ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސައްކަތްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި، މަޝްރޫޢުތައް ނުހިނގަނީ ކިހިނެއްވެގެންކަން ސާފުވެފައިވާކަމަށެވެ. އެކަމަށްޓަކައި ކައުންސިލްތައް ބާރުވެރިކުރުމަށް ޚާއްޞަ ވުޒާރާއެއް އުފެއްދެވީކަމަށާއި، ދެން ފެންނާނީ ކައުންސިލްތައް ރައްޔިތުން އެދޭގޮތަށް ބާރު ސްޕީޑުގައި ކުރިއަށްދާތަންކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކައުންސިލްތައް ބާރުވެރިކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ މައިގަނޑު އެއް ވިސްނުން. ކަންދިމާކުރި ގޮތުން، ލާމަރުކަޒީ ނިޒާމުގެ ދެފަރާތުގައި އަޅުގަނޑަށް މަސައްކަތް ކުރަން ޖެހުނީމަ، ކައުންސިލްތައް ނުހިނގަނީ ކިހިނެއްވެގެންކަން ސާފުވާގޮތް ވެފައި އޮތީމަ، އަޅުގަނޑުމެން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފެއްދީ މި. ދެން ފެނިގެންދާނީ އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭގޮތަށް ބާރު ސްޕީޑްގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ކައުންސިލްތައް ހިނގަމުންދާތަން.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢުވެސް ދެން ފެށޭނެކަމަށާއި، އެކަން ކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެކަމަށެވެ. އެއީ ބިޔަ މަޝްރޫއުއަކަށްވާތީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ބޭރުގެ އެހީ ހޯދައިގެން ކުރިއަށް ދިއުންކަމަށާއި، އޭގެ އިތުރުން ބޮޑެތި މުހިންމު މައްސަލަތައް ހައްލުކުރުމަށް އިސްކަން ދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު 30 ދުވަސް ހަމަވުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށޭނެ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އެ މަޝްރޫޢު 8 މަސް ދުވަހުގެ ތެރޭގައި ނިންމާނީ 1200 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށްފަހުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި، ނޫނީވިއްޔާ ޙައްލުކުރަން ބޭނުންވާ އެންމެބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ތަކުރާރުކޮށް ކެމްޕެއިންގައި ދަންނަވަމުން އައި ވާހަކައަކީ، ޤައުމީ މައްސަލަތައް ނަގާފައި، ގެދޮރުވެރިކަން ކަމަށް. އަދި އެންމެ ގިނަ ރައްޔިތުން އުޅެނީ މި ސަރަޙައްދުގައި ކަމަށްވާތީ، އެންމެބޮޑު މަޝްރޫޢު މިއޮތީ މި ސަރަޙައްދަށް ކަނޑައެޅިފައި. އެހެންވީމާ، ގްރޭޓަރ މާލެ، ނޫނީ މާލެ ސަރަޙައްދުގައި މި ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާއި، އަދި މިހާރު ހިނގަމުންދާ ގުޅިފަޅާއި ގިރާވަރު ފަޅުގެ މަޝްރޫޢު އިތުރަށް ފުޅާކޮށް، އޭގެ ތަނަވަސްކަން އިތުރުކޮށް، އަދި ގިރާވަރު ފަޅާ ހަމަޔަށް ބްރިޖުގެ މަސައްކަތްވެސް، މިހާރު އެ މަޑުޖެހިފައި އޮތް އޮތުން، ނޫނީވިއްޔާ ދާ ސްޕީޑް، ތަންކޮޅެއް ލަސްކޮށްދާ ދިޔުން ރަނގަޅުކޮށް، އެ މަޝްރޫޢުވެސް ބާރަށް ގެންދިޔުމަށް، މިފަދަ ކަންތައްތައް ކުރުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ފެށިގެންދާނެ.
ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ދެކުނަ އުތުރުގައި އިންޓަރގްރޭޓެޑް އާބަން ސެންޓަރުތައް ޤާއިމްކުރުމާއެކު 7 ސަރަހައްދެއްގައި އާބަން ސެންޓަރު ޤާއިމްކޮށް ސަރަހައްދީ އަދި ދެމެހެއްޓެވިނި ތަރައްޤީ ގެނައުމުގެ ވިސްނުންފުޅުގައި މަޝްރޫޢުތައް ކުރިއަށް ގެންދާނީ އެއްވެސް ރަށެއް ބާކީ ނުކޮށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަތީޖާއަކަށްވާނީ މެދު އަދި ދުރުރާސްތާގައި ދެމެހެއްޓެނިވިގޮތެއްގައި ރާއްޖެ ތަރައްޤީވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޢަޒުމަކީ ބާރު ސްޕީޑަށް ލަހުންދިޔަ ސްޕީޑް ބަދަލުކޮށް ހަލުވި މިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުންކަމަށެވެ.
One Response
ޜެޔާދުވާލު މަސައްކަތް ކޮއްގެން މިހާރު ދިހަބުރިޔަށްހުރިއިމާރާތް އިތުރަށް އުސްކޮށްލުން މާރަނގަޅުވާނެ